English Edition
Dhivehi Edition

ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެ އަށް އުދުވާނީ ހަމަލާ ދިން އިރު އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބައެއް ސިފައިން ތިބީ ފިލައިކަމަށާއި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ ސިފައިންގެ ބައެއް މީހުން ހަމަލާ ދީފާނެކަމުގެ ބިރަށް ފިލައި ތިބި އިރު، ސިފައިންގެ ބައެއް އިސް މީހުން ރޭންކުތައް ނައްޓާލައިގެން އުޅުނު ކަމަށެވެ. މި ގޮތުން އަހުމަދު ހަލީމް ވިދާޅުވީ އޭނާ އަކީ މާލޭ މީހެއްކަމުން 1998 ވަނަ އަހަރު ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާ ދިން އިރު އޭނާއަށް އެ ދުވަހު ކަން ހިނގައި ދިޔަ ގޮތް ވަަރަށް ކައިރިން ފެނުނު ކަމަށާއި އެ ދުވަހުގެ ވާހަކަ އޭނާ އަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

އެ ދުވަހު ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިންކަން ދޭހަވާ ގޮތަށް ވާހަކަދައްކަމުން އަހުމަދު ހަލީމް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަން ބަލައިގަންނަން ޖެހޭކަމަށާއި އިންޑިއާ އައުޓް ގޮވަން ނުޖެހޭކަމަށެވެ. “އޭރު ފުރައިގެން ދާން ބުނީިމަވެސް ސަރުކާރުގެ އިސްފަރާތްތަކުން ބުނި އަދި 2 މަހެއް ވަރު މަޑުކޮށްލާށޭ. އެކަމަކު އެ މީހުން ބުނީ ތިމަންނަމެންނަކީ ކުރަން އަންނަ ކަމެއް ނިމުނީމަ އެތަނުގައި މަޑު ކުރާ ބައެއް ނޫނޭ.” އަހުމަދު ހަލީމް ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ އެ ދުވަހުގެ ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތިން ފުންމާލައިގެން އަތް ބިިންދައިގެން ގޮސްގެންކަމަށާއި ރައީސުލްޖުމްހޫރިއްޔާވެސް އޮތީ ގޮށްޓެއްގެ ދަށަށް ވަދެ ފިލައިކަމަށެވެ.

ނޮވެމްބަރު 03 ގައި ހައެއްކަ ސިފައިން ބަނޑޭރިގެއިން ނުކުމެ ގައުމަށްޓަކާއި ޝަހީދުވެ ގުރުބާންވީ ކަމަށާއި، އެކަމަށްޓަކާ އެ މީހުންނަށް ޝުކުރު ހައްގުވާކަމަށް ވިދާޅުވެ އަހުމަދު ހަލީމް ދައްކަވަމުން ގެންދިޔަ ވާހަކަތަކާއި ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ.މި ގޮތުން ނިޒާމީ ނުކުތާ ނެންގެވި މެމްބަރުން ވަނީ މި ދުވަހުގެ އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތްކުރުމުގައި ދިވެހި ސިފައިންވި ޤުރުބާނީ ދަށްކޮށް ވާހަކަދައްކާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.