English Edition
Dhivehi Edition

“މެންސާއި މަދުއްރާއި” ގެ މަޤްބޫލުކަން ނުކެނޑިގެން އުޅެނިކޮށް ޗައްޕަލާ ސްޓޫޑިއޯއިން މުޅިން އައު ވީޑިއޯއެއް މިރޭ ރިލީޒް ކުރާނެ ކަމަށް ޗައްޕަލާ ސްޓޫޑިއޯން ބުނެފިއެވެ.

މި ވީޑިއޯގައި ފެނިގެންދާނީ ބޭރުދަތުރުކުރަން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު ރާއްޖެ އަންނަ މީހެއްގެ އުޅުން ހުންނަ ގޮތާއި މަންޒަރުތަކެކެވެ. މި ވީޑިއޯގައި މުޅިން ތިނަދޫ ޒުވާނުން ފެނިގެންދާއިރު މި ވީޑިއޯ ކެމެރާކޮށް ޑައިރެކްޓް ކޮށްފައިވަނީވެސް ހުވަދުއަތޮޅަށް ނިސްބަތްވާ މީހުންކަމަށް ޗައްޕަލާއިން ބުނެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޗައްޕަލާ ސްޓޯޑިއޯގެ މެނޭޖަރ މުޙައްމަދު މާޖިދު އަޙްމަދު ވިދާޅުވީ މުޖުތަމަޢުގައި ހުންނަ ނޭދޭވޭ ކަންކަމުގެ ވާހަކަ ހެއްވާ މަޖާކޮށް މީހުން ބަލައިގަންނާނެ ފަދަ ގޮތަކަށް ގެނެސްދިނުމާއި ހުވަދޫބަހުރުވަ ދިރުވައި އާލާކޮށް، ހުވަދޫ ބަހުރުވައަކީ ރީތީ މުއްސަނދި އަދި ފަސޭހަކަމާއި އެކު ވާހަކަދައްކާލެވިދާނެ ބަހެއްކަން އާންމުނަށް ހާމަކޮށް ދިނުމަކީ ޗައްޕަލާ ސްޓޫޑިއޯގެ މަޤްޞަދުކަމުގައެވެ.

ހުވަދޫ ބަހުރުވައިން ހެއްވާމަޖާ ނަމަވެސް ޢިބުރަތުން ފުރިގެންވާ ގިނަ މެސެޖް ތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ މިސްޓޫޑިއޯގެ ވީޑިއޯތަކަށް އާންމުގެ ބޮޑު ތަރުޙީބު ދަނީ ލިބެމުންނެވެ. މިގޮތުން އެ ސްޓޯޑިއޯއާއި ބުންނަރު ސްޓޫޑިއޯ ގުޅުގެން ނެރުނު “މެންސާއި މަދުއްރާ” ވީޑިއޯއަށް އެއް ލައްކަ ފޭސްބުކް ވިއުސް ވަނީ ލިބިފައެވެ. ހުވަދޫ ބަހުރުވައިން ގިނަ ވީޑިއޯތައް ތައްޔާރު ކޮށްފައިވީ ނަމަވެސް، އެ ވީޑިއޯގައި ދައްކާ ވާހަކަ މިބަސް ނޭނގޭ މީހަކަށްވެސް ފަހުމް ނުވެ ނުދާނެކަމަށް އެ ޓީމުން ބުނެއެވެ.

ދެކުނުގެ ބަސް ދިރުވާ އާލާކުރުމަކީ އޭ އޯ ޗެނަލް އިން ކުރަމުން ގެންދާ މަސައްކަތެއް ކަމަށްވާތީ ޗައްޕަލާ ސްޓޫޑިއޯގެ ވީޑިއޯތައް ބޭނުން ކުރުމުގެ ކޮޕީރައިޓްސް ހުއްދަ އޭ އޯ ޗެނަލަށް ދެއްވާނެ ކަމުގެ ޔަގީންކަން އެ ސްޓޫޑިއޯގެ މެނޭޖަރ މުޙައްމަދު މާޖިދު ވަނީ ދެއްވާފައެވެ.