English Edition
Dhivehi Edition
ރޭގެ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ޑިއޯގޯ ޔޮޓާ އުފާ ފާޅުކުރަނީ. މި މެޗުން ލިވަޕޫލް މޮޅުވީ 2-1 އިން. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެޗުނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ވައްދާލި ލަނޑާއެކު ލިވަޕޫލް މޮޅުވެ ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

އެންފީލްޑްގައި ވެސްޓް ހޭމް އަތުން ފަހަތުންއަރައި ލިވަޕޫލް މޮޅުވީ 2-1 އިންނެވެ. ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި ސިޓީ 1-0 އިން މޮޅުވިއިރު، ޗެލްސީން ބާންލީ ބަލިކުރީ 3-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލަށް ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެވަޓަން އެވެ. ލީގުގައި މިރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއްވަނަ އަށް އެރޭނެއެވެ. ރޭގެ މެޗާއެކު ޗެލްސީ ވަނީ 12 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. ސިޓީ އޮތީ 11 ޕޮއިންޓާއެކު އަށްވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ލީޑްނެގީ ވެސްޓް ހޭމުންނެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް ބޮލުން ދިފާއުކޮށްފަ ފޮނުވާލި ބޯޅައަކުން ޕަބްލޯ ފޯނާލްސް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމެންދަނިކޮށް، 42 ވަނަ މިނެޓުގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ސަލާހު އަށް ވެސްޓް ހޭމްގެ އާތަރ މަސުއާކޫ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެސްޓް ހޭމަށް އަލުން ލީޑްނަގައިދިނުމަށް ފޯނާލްސް އަށް ލިބުނު ދެ ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ލިވަޕޫލް މޮޅުވި ލަނޑު، މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ފޯވާޑް ޔޯޓާ އެވެ. މިއީ އެ ޓީމުގެ ޒެރްދާން ޝަކީރީ ދިން ރީތި ޕާހަކުން ޔޯޓާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ޔޯޓާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. ލިވަޕޫލުން މި ލަނޑުޖެހުމުގެ ކުރީން މެޗުގެ 77 ވަނަ މިނެޓުގައި ޔޯޓާ ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ބޯޅަ ޔޯޓާ އަށް ލިބުމުގެކުރީން ވެސްޓް ހޭމްގެ ކުޅުންތެރިއަކަށް ފައުލްކުރިކަމަށް ނިންމައި އެ ގޯލް ގަބޫލުނުކުރިއެވެ.

ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ (ކ) ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

ލީގުގެ އެންމެ ފުލުގައި އޮތް ބާންލީއާ ދެކޮޅަށް ޗެލްސީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ފަހު ހާފުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް އެވެ. މިއީ ޗެލްސީ އަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ޗެލްސީން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 63 ވަނަ މިނެޓުގައި ކާޓް ޒޫމާ ކާމިޔާބުކުރިއިރު އޭގެ ހަތް މިނެޓުފަހުން އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ.

ޝެފީލްޑްގެ ބްރަމަލް ލޭންގައި ރޭ ކުޅުނު މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބެލްޖިއަމްގެ ތަރި ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ އެވެ. ރޭގެ މެޗުގެ ކުރީކޮޅު ސިޓީގެ ފެރާން ޓޮރޭސް އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

ޝެފީލްޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޖޯން ލަންޑްސްޓްރަމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، ސިޓީގެ ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޝެފީލްޑްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ. އޭނާ ވަނީ މުޅި މެޗުގައި ހަތް ސޭވްކޮށްފައެވެ.