English Edition
Dhivehi Edition

ގދ. ގައްދޫ ޒުވާނުންނަށް އަމާޒުކޮށްގެން އޮކްޓޯބަރ 23 އިން އޮކްޓޯބަރ 30 އަށް ކުރިޔަށް ގެންދިޔަ ހާރމަނީ ކަޕް 2020 ޗެމްޕިއަންކަން ޔޯލްކް އެފް ސީ އިން ހޯދައިފިއެވެ.

ޔޯލްކް އެފް ސީ އިން މިމުބާރާތުގެ ޗެމްޕިައަންކަން ހޯދާފައިވަނީ އިއްޔެ ހަވީރު ގައްދޫ ރަސްމީ ބޯޅަދަނޑުގައި ކުޅުނު ފައިނަލް ގައި އެފް ސީ ލެޖެންޑް އާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ދެޓީމް އެއްވަރު ވެގެން ޕެނަލްޓީ ޖަހައިގެން 5 – 6 ގެ ނަތީޖާ އަކުންނެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔޯލްކް އެފް ސީ ގެ އަލީ ނައީމް (ބޮއްކާ) އެވެ.

މިމުބާރާތުގައި އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު އާތިފް (އެފް ސީ ލެޖެންޑް)، އަހުމަދު އިބްތިޝާމް މައުސޫމް (ޔޯލްކް އެފް ސީ)، އާލިފް ޒާހިރު (ޔޯލްކް އެފް ސީ)، އާލިމް އަބްދުލް ޢަޒީޒް (އެފް ސީ ލްޖެންޑް) އަދި އާދަމް ޟަރީފް (ގަސްދޮށު އެފް ސީ) އެވެ. . އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް 2 ކުޅުންތެރިންވަނީ ހޮވިފައެވެ. އެއީ އެފް ސީ ލެޖެންޑް ގެ އާލިމް އަބްދުލް ޢަޒީޒް އަދި ޔޯލްކް އެފް ސީ ގެ އާލިފް ޒާހިރު އެވެ. ކޮންމެ ކުޅުންތެރިއަކު ވަނީ ޓީމަށް 7 ލަނޑު ޖަހައިދީފައެވެ.

މި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ލެޖެންޑްގެ އާލިމް އަބްދުލް ޢަޒީޒް އެވެ. އަދި އެންމެ އެއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް ސީ ފީނިކްސް ގެ ހުސައިން ރާހިލް ސޯދިގް އެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަށް ހޮވިފައިވަނީ ބީޗް ބޯއިސް އެވެ.

“މިމުބާރާތަކީ ހާރމަނީގެ ފައުންޑަރ އަބްދުﷲ ޒުބްނާން ގައްދޫ ޒުވާނުންނަށް ދެއްވި ހަދިޔާއެއް، މިއަދުކޮށްފައި މާދަމާ ނިންމާލާކަހަލަ ގޮތަކަށް ނޫން މިކަން ކުރިއަށް މިގެންދަނީ ، އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކުވެސް މުބާރާތެއް ބާއްވާނެ” މުބާރާތުގެ ޗީފް އޮގަނައިޒަރ އިބްރާހިމް ޝާފިއު ބުންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ވާދައިގެ ތައްޓާއި ފަނަރަހާސް ރުފިޔާގެ ރަމްޒީ ޗެކް އަދި ރަނަރަޕް ޓީމަށް ކަނޑައަޅާފައިވާ މިލްކުވާ ތައްޓާއި ފަސްހާސް ރުފިޔާގެ ރަމްޒީޗެކް މިއަދުގެ ވަނީ ހަވާލުކޮށްފައެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ގދ، ގައްދޫ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވާ އާލާކޮށް އެކުވެރި މުޖްތަމަޢުއެއް ބިނާކުރުން ކަމުގައި ޝާފިއު ވަނީ ބުނެފައެވެ.

ގައްދޫ ގައި ފުޓްސަލް އަށް ޙާއްސަ “ފުޓްސަލްގްރައުންޑް” އެއް ނެތުމަކީ މިފަދަ މުބާރާތްތައް ބޭއްވުމަށް ހުރި ދައްޗެއް ކަމަށާއި، އުއްމީދަކީ އަވަސް މުސްތަޤްބަލެއްގައި ފުޓަސަލް ދަނޑެއް ލިބިގެންދިއުން ކަމަށާއި އަދި މިއަހަރުގެ މުބާރާތް ބޭއްވިގެން މިދިޔައީ ގައްދޫ ރަސްމީ ބޯޅަދަނޑުގައި ފުޓްސަލް ދަނޑެއް ކުރަހައިގެން ކަން އޭނާ ފާހަގަކުރިއެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމް ވާދަކޮށްފައިވާއިރު މިއީ ހާރމަނީ އިން އިންތިޒާމް ކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ. ހާމަނީ އަކީ ގދ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތެކެވެ.