English Edition
Dhivehi Edition

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އާއި ކްލަބުގެ ބޯޑު މެންބަރުން އިސްތިއުފާދީފިއެވެ.

އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާއްމު މެންބަރުން ތައްޔާރުވަމުންއައި މި ދަނޑިވަޅުގައި ބާޓޮމެއު އިސްތިއުފާދީފައިމިވަނީ މަގާމު ދޫކޮށްނުލާނެކަމަށް ވިދާޅުވިތާ ދެ ދުވަސްވެސް ނުވަނީސް ޕްރެޝަރު ބޮޑުވެގެންކަމަށް ސްޕެއިނުގެ މީޑިއާ ހަބަރުތައް ބުނެއެވެ.

“ބޯޑުގެ އިތުރުން އަހަރެންގެ މި ނިންމުމަކީ އުފަލާއެކު ނިންމި ނިންމުމެއް،” މަގާމުން އިސްތިއުފާދިނުމަށްފަހު ބާޓޮމެއު ވިދާޅުވިއެވެ.

ބާޓޮމެއު އިތުރަށް ވިދާޅުވީ ބާސެލޯނާގެ ކުރިއަށް އޮތް އިންތިހާބު އަންނަ އަހަރުގެ މާރިޗް މަހަށް އަވަސްކުރީ މިހާރު އޮތް މާހައުލު ރަނގަޅުކޮށް ކްލަބުގެ އެކި ކަންކަމުގައި އޮތް ހިތްހަމަނުޖެހުންތައް ނައްތާލުމުގެ ގޮތުން ކަމަށެވެ. އަދި އިންތިހާބު މިހާ ކައިރިވެފައިވަނިކޮށް އެކަމަށްޓަކައި އެތައް މަސައްކަތެއް ކުރަންޖެހިފައިވާއިރު، އިސްތިއުފާދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މީގެއިތުރުން، ބާޓޮމެއު ވިދާޅުވީ މިހާރު އެ ކްލަބަށް މާލީ ގޮތުންނާއި އިގްތިޞާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިނުގަނެވިގެން އުޅޭ މި ދަނޑިވަޅުގައި ހަމައަކަށް އެޅުވުމުގެ ގޮތުން ކުރެވެމުންއައި މަސައްކަތްތައް ހުއްޓުމަކަށް އަޔަނުދީ މިހާރު ރޭވިފައިވާ ގޮތަށް ހަރަދުތައް ކުޑަކޮށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މަގުފަހިކުރުމަށް އެދޭ ކަމަށާއި، އަދި އެކަން އެގޮތަށް ނުކުރެވިއްޖެނަމަ މިހާރަށްވުރެ ހާލަތު ގޯސްވެ ކަންބޮޑުވާންޖެހޭ ފަދަ ގޮތްތަކެއް މެދުވެރިވެދާނެ ކަމަށެވެ.

މިހާރު ކަންތައްތައް ދިމާވިގޮތުން ދެން ކްލަބުގެ ބޯޑުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގޮސް ސީދާ ބާސެލޯނާގެ އިންތިހާބު ބޭއްވުމުގެ ދޮރު މިވަނީ ހުޅުވިފައެވެ. ކުރިން އޮތްގޮތުން އިންތިހާބު ބާއްވަން އޮތީ އަންނަ އަހަރު މާޗް މަހު އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުނީ ކްލަބްގެ ހާލަތު އިންތިހާ އަށް ދަށަށްދާތީވެ ވީ އެންމެ އަވަހަށް ކްލަބްގެ ހާލަތު ބަދަލުކޮށް ބާޓޮމެއު ހަދާފައިވާ ގޯސްތައް ތަހުގީގުކުރުމުގެ ގޮތުންނެވެ.

ބާޓޮމެއުގެ ރައީސްކަމުގެ ދައުރުގައި ބާސެލޯނާގެ މާލީ ހާލަތު އިތުރަށް ގޯސްވެގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މުޅި ދުނިޔެއަށް އިގްތިޞާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނައިރު، އެ ކްލަބު ވެއްޓިފައިވާ ވަޅުގަނޑުން އެރޭނެކަމުގެ އުއްމީދެއް ނެތުމުގެ ސަބަބުންނާއި ކްލަބުގެ ފަރާތުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ގޯސް ގިނަ ނިންމުންތަކެއް ފެނި، އެކަންތައް ރަނގަޅުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވުމަކީ މަގާމުން އޭނާ ދުރުކުރުމުގެ މަސައްކަތްތައް އާއްމު މެންބަރުން ފެށި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު (ކ) އާއި ލިއޮނަލް މެސީ (ވ) ފޮޓޯއަކަށް ހުއްޓިގެން. –ފޮޓޯ: ޓުވިޓާ

އަދި ބާޓޮމެއުއާ މެދު ބާސެލޯނާގެ އާންމު މެމްބަރުންގެ ކެތްތެރިކަން ކޮޅުންލީ ސަބަބުތަކުގެ ތެރޭގައި ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކޮށް ކީކޭ ސެޓިއެން ހަމަޖައްސައި ފަހުން އޭނާ ވެސް ވަކިކުރުމާއި ބާސެލޯނާގެ ކުރީގެ އާއި މިހާރުގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ބާސެލޯނާގެ ބޯޑް މެމްބަރުންގެ އެއްބާރުލުމާ އެކު އެޖެންސީއެއް މަސައްކަތްކުރިކަމަށް ދެކެވުނު ވާހަކަތަކާއި މި އަހަރު ބާސެލޯނާގެ ބޯޑުގައި ތިބި ހަ މެމްބަރުން ކުއްލިއަކަށް އިސްތިއުފާދިނުން ހިމެނެއެވެ.

އެކަމަކު މި ހުރިހާ ކަމަކަށް ވުރެން ބާޓޮމެއުއާ މެދު ދެކެމުންއައި ގޮތް ބަދަލުވާން މެދުވެރިވީ މައިގަނޑު ސަބަބަކީ އެ ކްލަބުގެ މެނޭޖްމަންޓާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ ހިޔާލުތަފާތުވުންތައް އުފެދި އެ ޓީމު ދޫކޮށްލަން ނިންމުމުންނެވެ. އެކަމަކު، މެސީ ރަސްމީކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަން ހާމަކުރުމުން އޭނާއާއެކު ހަދާފައިވާ އެގްރީމެންޓުގައި ހުރި ވަކި މާއްދާތަކަކަށް ރިއާޔަތްކޮށް ބާސެލޯނާ އިން ވަނީ މެސީ މަޑުކުރުވާފައެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޮސެލްގެ ގާތް މީހެއްގެ ގޮތުގައި ކްލަބްގެ ނައިބު ރައީސެއްގެ މަގާމަށް 2010 ވަނަ އަހަރު އިންތިހާބުވި ބާޓޮމެއު އެ ކްލަބްގެ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ރޮސެލް މަގާމުން އިސްތިއުފާ ދޭން ޖެހުމުންނެވެ. ރޮސެލް މަގާމުން އިސްތިއުފާ ދިނީ ސަންޓޯސް އިން ނޭމާ ގަތުމުގައި އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައިވާކަން ފަޅާ އެެރުމުންނެވެ.