English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެއްޖެކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ބައްޔަށް ފައްސިވެފައިވަނީ 37 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިއީ ފުވައްމުލަކުން މި ބައްޔަށް ފައްސިވި 4 ވަނަ މީހާއެވެ.

މި މީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޓެސްޓުކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުންނެވެ.

މިމީހާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް އެމީހާގެ ކިބައިން ފެންނަން ނެތް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެެވެ. އެ ހޮސްޕިޓަލުން އިތުރަށް ހާމަކުރި ގޮތުގައި އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް މިވަގުތު ހަދާ ނިމިފައިވާއިރު އެއްވެސް ޑިރެކްޓް ކޮންޓެކްޓްއެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ޖުމްލަ 4 މީހަކު ފައްސިވެފައިވާ އިރު އެކަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު މި ބަލި ޖެހިފައިވާ 3 މީހަކު އެ ރަށުގައި ތިބިއިރު އެއީ 2 ދިވެހިންނާއި 1 ބިދޭސީއެކެވެ.