English Edition
Dhivehi Edition
އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެ، ލީގުގައި މި އަހަރު އަމިއްލަ ދަނޑުގައި އާސެނަލް ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޗެލްސީ އަތުން 2-1 އިން ބަލިވިފަހުން، ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ލެސްޓާ އިން ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި އާސެނަލްގެ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.

ރޭގެ މެޗުތަކަށްފަހު ލެސްޓާ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި އުޅޭ އެވަޓަން އާއި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ދެ ޓީމުގެ ފަރަގަކީ ވެސް ފައިދާ ގޯލެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުނިމެން 10 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެމީ ވާޑީ އެވެ. މިއީ ތުރުކީގެ ވިންގާ ޗެންގީޒް އުންޑާ ދިން ބޯޅައަކުން ވާޑީ ކާމިޔާބުކުރި ގޯލެކެވެ.

ލެސްޓާ އިން މި ގޯލް ޖެހުމުގެ ކުރީން އާސެނަލުން ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އާސެނަލްގެ އަލެކްސެންޑާ ލަކަޒޭ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލިއިރު އެ ޓީމުގެ ގްރޭނިޓް ޒާކާ އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލް ގަބޫލުނުކޮށްފައެވެ.

ސައުތެމްޓަނާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުގެ ތެރެއިން. ސައުޓެމްޓަނުން މި މެޗު ކާމިޔާބުކުރީ 2-0 އިން. –ފޮޓޯ: ޓުވިޓާ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ލެސްޓާގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއްނުވިއެވެ. އެގޮތުން، އާސެނަލަށް ލީޑްނަގައިދިނުމަށް ބުކާޔޯ ސާކާގެ އިތުރުން ލަކަޒޭ އަދި އޮބާމަޔަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ އާސެނަލްގެ ޑިފެންސަށް މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރުމުންނެވެ. ލުއިޒް ވަނީ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން އުފެއްދި އެޓޭކްތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރަށުން ބޭރުގައި ސައުތެމްޓަން އަތުން 2-0 އިން ބަލިވެ އެވަޓަންގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށްއައިއިރު، ރޭގެ މެޗުގައި ސައުތެމްޓަންގެ ލަނޑުތައް ޖަހައިދިނީ ޖޭމްސް ވާޑް-ޕްރައުސް އާއި ޗެ އެޑަމްސް އެވެ. ވުލްވްސްގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ބްރައިޓަންއާ ދެކޮޅަށް ވެސްޓް ބްރޮމް ނިކުންނައިރު، ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ ބާންލޭއާ ދެކޮޅަށެވެ.