English Edition
Dhivehi Edition

1959 ވަނަ އަހަރު ދިވެހިރާއްޖޭގެ ދެކުނުގައި އިނގިރޭސީން އިސްވެ ތިބެ އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަބްދުﷲ އަފީފްގެ ހަގު ދަރިކަލުން އަހުމަދު އަފީފު ސީޝެލްގެ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންފިއެވެ.

ސީޝެލްސްގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ގައުމުގެ ޖުމްލަ 74،600 މީހުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާއިރު މިފަހަރުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރުވެސް އޮންނަ އިދިކޮޅު ޕާޓީންނެވެ.

މީގެ ކުރިން ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަންވެސް ކުރައްވައިފައިވާ އަހުމަދު އަފީފް ސިޔާސީ ދާއިރާއަށް ނިކުންނެވުމުގެ ކުރިން ވަނީ އެގައުމުގެ ޕްރިންސިޕަލް ސެކްރެޓަރީ ފޯރ ފައިނޭންސްގެ އެންޑް އިކޮނޮމިކް ޕްލޭނިންގްގެ މަގާމުވެސް ފުރުއްވާފައެވެ.

އުމުރުފުޅުން 51 އަހަރުގެ އަހުމަދު އަފީފް އަކީ އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.