English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ހަމަލާދިން މީހުން އައީ އެ ޒުވާނާއާ ދިމާލަށް ކަތިވަޅި ފަދަ ތަކެތި ހޫރަމުން ކަމަށް އެ މަންޒަރު ދުށް މީހަކު ހާމަކޮށްފިއެވެ.

“ވަގުތު” ނޫހަށް ނަން ހާމަނުކުރަން އެދި މަންޒަރު ދުށް ޒަހަމްވި ޒުވާނާގެ ރަހުމަތްތެރިއެއް ހާމަކުރި ގޮތުގައި އެ ޒުވާނާއަށް ހަމަލާދީފައިވަނީ އޭނާ ހިތަދޫ ފްލެޓް ސަރަހައްދަށް ދާ މަގުގައި ހުންނަ ރައްޓެއްސެއްގެ ގޭގައި ހުރެފައި ބޭރަށް ނިކުތް ވަގުތެވެ. އެގޮތުން އޭނާ އެގޭގެ ޖޯލީގައި އިންދާ އެކްސިޑެންޓެއް ވެގެން އުޅޭ ކަހަލަ އަޑެއް އިވިގެން ދުވެފައި ބޭރަށް ނިކުތް އިރު އެގޭގެ ކަންމައްޗަށް ސައިކަލެއް ވެއްޓިފައި އޮތް މަންޒަރު ޒަހަމްވި ޒުވާނާއަށް ފެނުނު ކަމަށްވެސް އެ ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ. އަދި އެވަގުތު ކުއްލިއަކަށް ހަމަލާ ދިން މީހުން ކަތިވަޅި ފަދަ ތަކެތި ހޫރަމުން ދުއްވައިގަތް ކަމަށް ވެސް އޭނާ ވަނީ ކިޔައިދީފައެވެ.

އެމީހުން ދުއްވައިގަތުމުން ޒަހަމްވި ޒުވާނާއަށް ދުވެފައި ގޮސް ވަދެވުނީ ޖެހިގެން ވިނަ ހެދިފައި އޮތް ތަންކޮޅަކަށް ކަމަށާއި އެވަގުތު ވިއްސާރަވެ އެތަން ޗަކަވެފައި އޮތުމުން އެ ޒުވާނާ ވެއްޓުނު ކަމަށް ވެސް ރަހުމަތްތެރިޔާ ވަނީ “ވަގުތު” ނޫހަށް ކިޔައިދީފައެވެ. އޭނާ ވެއްޓުނު ގަޑީގައި ޒުވާނާގެ އަރިކަށްޓަށް އެމީހުން ފޮނުވާލި ހަމަލާ އަމާޒުވި ކަމަށާއި އޭނާ ދުއްވައިގަންނަން އުޅުނަސް ދުއްވައި ނުގެނެވުމުން އެމީހުން އިތުރަށް ހަމަލާ ދިން ކަމަށްވެސް ރަހުމަތްތެރިޔާ ވަނީ ކިޔައިދީފައެވެ.

އަދި ހަމަލާ ދިން މީހުން އެ ޒުވާނާ މަރާލުމަށް ބޮލުގައި ޖެހުމަށް ގޮވަމުން ދިޔަ ކަމަށްވެސް އެ ރަހުމަތްތެރިޔާ ވަނީ “ވަގުތު” ނޫހަށް ކިޔައިދީފައެވެ. ޒުވާނާގެ ވާތުގެ އިނގިލިތަކަށް ލިބިފައިވާ އަނިޔާއަކީ އޭނާ ބޮލަށް ފޮނުވާލި ހަމަލާއަކުން ދިފާއުވުމަށް އަތް ހިއްލާލި ގަޑީގައި ލިބުނު އަނިޔާތަކެއް ކަމަށްވެސް އެ ރަހުމަތްތެރިޔާ ކިޔައިދިނެވެ.

މީގެ އިތުުރުން “ވަގުތު” ނޫހުގައި ހާމަކޮށްފައިވަނީ މި މާރާމާރީގައި އިސްކޮށް ހަރަކާތްތެރިވީ 4 މީހުން ކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ބުނެފައިވާ ކަމަށާއި މާރާމާރީ ހިންގި ފަރާތްތަކުން އެތަނުން ދުއްވައިގަތީ އެތަނަށް މީހުން އެއްވާން ފެށުމުން އެމީހުންނާއި ދިމާލަށްވެސް ތޫނު ހަތިޔާރު ދިއްކުރުމަށް ފަހުގައި ކަމަށެވެ.

މި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި މޫނުމަތިން ދެ ތަނެއް ކަފައިގެން ދިއުމާއި ބަނޑާއި ދިމާލުން ފޫޓެއް ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއް ފުންކޮށް ކަފައިގެން ދިޔުމުގެ އިތުރުން ކަނާތު ކޮނޑުހުޅު ކައިރިންވަނީ ފުންކޮށް ކަފައިގެން ގޮސްފައެވެ. އަދި މީގެ އިތުރުން އޭނާގެ ވާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި މުޅީން ވަކިވެފައިވާއިރު، އިނގިލި ހޮސްޕިޓަލަށް ގެނެވުން ލަސްވުމުގެ ސަބަބުން އެ އިނގިލިތައް އަލުން ގުޅޭގޮތް ވަނީ ނުވެފައެވެ.

މީގެ އިތުުރުން އޭނާގެ ވާއަތް ފައިގެ ފަލަމަސްގަނޑާއި ދިމާލަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން އޭނާގެ މައިނާރަށް ގެއްލުނު ލިބިފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ރަހުމަތްތެރިޔާ ވަނީ ބުނެފައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެ ޒުވާނާއަށް ފަރުވާ ދެމުން އަންނަ އިރު އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ޒުވާނާގެ ހާލު ކުރިއަށް ވުރެން ރަނގަޅެވެ. އަދި ޒުވާނާ އަށް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު ޒުވާނާގެ ވަނީ 5 ގަޑިއިރަށް ވުރެ ދިގު އޮޕަރޭޝަނެއްކޮށްފައެވެ. ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނާތީ ޒުވާނާ އިތުުރު ފަރުވާއަށް އެހެން ތަނަކަށް ފޮނުވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވެސް އެ ހޮސޕިޓަލުގެ މީޑިއާ އޮފިސަރ ޝާފީ މުހައްމަދު ވަނީ މައުލޫމާތު ދެއްވާފައެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ޒުވާނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އިތުރަށް ހާމަކުރިގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 19 ވަނަ ދުވަހުގައެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

2 ކޮމެންޓް
އެސް ކޭ ޕީ
ނޮވެމްބަރު 4, 2020
މިހާރު ހައްޔަރު ކުރެވިފައި ވަނީ، ސްކޫޕް ޝަހުދު ސްކޫޕް ސީޖޭ ސްކޫޕް ސައިފް
އިއްބެ
އޮކްޓޯބަރު 22, 2020
ތަފްޞީލު ހާމަކުރެވެން ޖެހޭނެ. ތިކަން ކުރިބަޔަކު ހޯދާ އަދަބު ދެވެންޖެހޭނެ. ތިބަޔަކަށް ހީވަނީ ތިމަންނާމެން ވަރުގެ ބަޔަކު ނެތޭ. ތިދުވަސް އަދި ފެންނާނެ.