English Edition
Dhivehi Edition
27 ފެބުރުވަރީ 2020: އައްޑޫ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި މުނިސިޕަލް ސަރވިސް ޑިވިޝަނެއް ޤާއިމުކޮށް، އެ ޑިވިޝަނުގައި މަސައްކަތް ކުރުމަށް ބޭނުންވާ މަޤާމުތައް އުފެއްދުމަށް ނިންމައި، އެ މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލްގެ މި އަހަރުގެ 26 ވަނަ ޖަލްސާގައެވެ.

އައްޑޫގައި މުނިސިޕަލް ސަރވިސް ޑިވިޝަނެއް އުފެއްދުމަށް ނިންމާފައި މިވަނީ މިހާރު އައްޑޫ ޕަބްލިކް ވޯރކްސްގެ މަސައްކަތް ރޭވިފައިވާ ގޮތުން ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވަމުންދާތީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

އެގޮތުން ކައުންސިލްގެ ޖަލްސާގައި ވަނީ ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޝަނަށް 40 މަޤާމް، އަދި ހުޅުދޫ މީދޫ މުނިސިޕަލް ސާރވިސް ޑިވިޝަނަށް 15 މަޤާމް އުފެއްދުމަށް ނިންމައިފައެވެ. ކޮންޓްރެކްޓް އުސޫލުން އެ މަޤާމުތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވާއިރު، މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެ މުވައްޒަފުންނަށްވެސް ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގެ އެލަވަންސް ހަމަޖެއްސުމަށް ފެންނަ ކަމަށްވެސް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާޤުންނެވެ.

ކައުންސިލުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މުނިސިޕަލް ސަރވިސް ޑިވިޝަންތަކަށް ނަގާ މުވައްޒަފުންނަށް މަޤަމާއި ރޭންކަށް ބަލައިގެން އަސާސީ މުސާރައިގެ ގޮތުގައި 3،470ރ. އާއި 5،500ރ. އާ ދެމެދުގެ އަދަދެއް ލިބޭއިރު، މެނޭޖަރަކަށް ހިންގުމުގެ އެލަވަންސްގެ ގޮތުގައި 3،000ރ. އަދި އެސިސްޓެންޓް މެނޭޖަރަކަށް ހިންގުމުގެ އެލަވަންސްގެ ގޮތުގައި 1،500ރ. ލިބޭނެއެވެ.