English Edition
Dhivehi Edition

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރުމީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ރ.އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގައެވެ.

އެގޮތުން ފުލުހުން ބުނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ދޫޑިގަން އެއަރޕޯރޓް ސަރަހައްދުގައި ހުރި ގަހެއް ކައިރިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރުޕެކެޓް ހޯދާފައިވާ ކަމަށާއި، އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރ. ދުވާފަރުގައިވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެގޮތުން ފުލުހުން ހާމަކުރާ ގޮތުގައި އޮޕަރޭޝަންތަކުގައި 24 އަހަރުގެ ދެމީހުންނާއި، 31 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންނަކީވެސެްެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަކަމަށް މި ހިންގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ކޯޓުއަމުރެއްގެ ދަށުން އެރަށު ދެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނުތައް ފެނުމާ ގުޅިގެން ކަމަށެވެ.

އެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 31 އަހަރުގެ މީހައަށާއި، 24 އަހަރުގެ އެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު، 34 އަހަރުގެ މީހާއަށާއި، 24 އަހަރުގެ ދެވަނަ މީހާއަށް ހަތްދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.