English Edition
Dhivehi Edition

އިންޑިޔާގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ލީޑަރޝިޕް ޓްރެއިނިން ސްކޮލަރޝިޕެއް ފުރިހަމަ ކުރުމުގެ ފުރުސަތު، އައްޑޫވިމެންސް އެސޯސިއޭޝަންގެ މެމްބަރު އާމިނަތު ގުލްފިޝާމް އަށް ލިބިއްޖެއެވެ.

ފެނަކައިގެ އިސް މަގާމެއްވެސް ފުރުއްވަވަމުން ގެންދަވާ ގުލްފިޝާމް އަށް މިފުރުސަތު ދެއްވެވީ އައްޑޫވިމެންސް އެސޯސިއޭޝަނުންނެވެ. ގުލްފިޝާމް އަކީ މީގެ ކުރިން އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަން ވެސް ކުރެއްވެވި އަދި އިޖްތިމާއީ ކަންކަމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރައްވަވާ ކަނބަލެކެވެ.

އިންޑިޔާގެ ހައިދަރުއާބާދުގެ އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖްގައި 3 ސެޕްޓެމްބަރު އިން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ގުލްފިޝާމު އިންޑިޔާއަށް ފުރާނީ މިއަދެވެ.

އައްޑޫވިމެންސް އެސޯސިއޭޝަން އިން އައްޑޫގެ ޒުވާނުންނަށް މިފަދަ ގިނަ ފުރުސަތުތައް ހޯއްދަވައި ދެއްވަވާފައިވާއިރު އައިޓެކް ސްކޮލަރޝިޕްގައި ޓްރެއިނިންގައި އެސޯސިއޭޝަން ގެ 2 މެމްބަރުން މިދިޔަ އަހަރުވެސް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން މެޑިސިންގެ ދާއިރާއިން މިއަހަރުވެސް 4 ސްކޮލަރަޝިޕް ހޯއްދަވާ ދެއްވަވާފައި ވެއެވެ.

އަވައިގެ އެހީތެރިކަމާއެކު ޗައިނާމޯލްޑިވްސް އެސޯސިއޭޝަނުން އައްޑޫގެ 3 ކުއްޖަކަށް މިއަހަރުވެސް ޗައިނާގެ ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ހޯއްދަވައި ދެއްވަވާފައިވާއިރު މިފަދަ އިތުރު ގިނަ ފުރުސަތުތައް އަައްޑޫގެ ޒުވާނުންނަށް ހޯއްދަވައި ދެއްވުމަށް އެ އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތް ކުރައްވަވައެވެ.