English Edition
Dhivehi Edition

ލިޔުނީ: އީޝަލް ޢީދު ބަންދުގައި އެކި އެކި ތަންތަނަށް ޗުއްޓީ ހޭދަކުރަން ދިއުމާއި ޘަގާފީ ކުޅިވަރުތައް ކުޅުމަކީ ދިވެހިރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ.މުސްލިމުންނަށް އަންނަ މި އީދުގައި ބޮޑު މަސް ބޭނުމާއި، ކޯޑި ކެނޑުމާއި ފެންކުޅި އާއި ފުޓުބޯޅަ ބަށި މުބާރާތް ފަދަ ކުޅިވަރާއި މަޖަލުގައި ދުވަސްތައް ހޭދަކުރެއެވެ.އަޅުގަނޑުމެން މުސްލިމުންނަށް ވީތީ މިދުވަހަކީ އަޅުގަނޑުމެންނަށް ވަރަށް ހާއްޞަ ދުވަހެކެވެ.އެހެން ނަމަވެސް އަޅުގަނޑުމެން ކިޔަވާކުދިންނަށް ވީތީ ކުޑަހިނދުކޮޅަކަށްވެސް ކިޔެވުން މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

އީދުގެ އުފާފާޅުކުރުމަށް ލިބޭ ބަންދުގައި ކިޔެވުމާއި ދުރުގައި ނޫޅެ ކިޔެވުމުގައި ކޮންމެވެސް ވަރަކަށް މަޝްޢޫލުވެގެން އުޅުމަކީ ރަނގަޅުގޮތެކެވެ. މިގޮތުން ތާވަލެއް ކަނޑައަޅާފައި ޢީދު ބަންދުގައި ކިޔެވުމަށް ގަޑި ހަމަޖައްސަންވާނެއެވެ.އެގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން ދެގަޑިއިރު ކިޔެވުމަށް ހޭދަކޮށްލުމުން ފިލާވަޅުތައް މުތާލިއާކުރެވި އިމްތިހާނު ފެށެންވާއިރަށް ކުރަންޖެހޭ މަސައްކަތަށް ލުއިކަމެއް ލިބިގެންދާނެއެވެ.މީގެ އިތުރުން ރައްޓެހިކުދިންނާއި އެކު ގްރޫޕް ސްޓަޑީސް ހެދުމަކީ ވެސް އެންމެ ރަނގަޅުގޮތެކެވެ. ގިނަ ކުދިން އެކުވެ ކިޔެވުމަށް ވަގުތު ހޭދަކުރުމުން އަވަހަށް ފިލާވަޅު ދަސްވެ ނޭގޭ އެއްޗެހި އެކަކު އަނެކަކުގެ ފަރާތުން އެގިގެން ދިޔުމާއެކު އެކުވެރިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ

މިހާރަކަށް އައިސް އެންމެ ގިނައިން ފެންނަ މަންޒަރަކީ ބަންދު ދުވަސް ތަކުގައިވެސް ވަރަށް ގިނަ ކުދިން ފޯނު،ޓީވީ އަދި ސޯޝަލް މީޑިއާގެ އަވައިގައިޖެހި ކިޔެވުމާއި ދުރުހެލިވެފައިވާ ތަނެވެ.ތަޢުލީމް އުގެނުމުގައި ހޭދަކުރަންޖެހޭ އަހަރުތަކުގައި މިފަދަ ކަމެއްގެ އަވައިގައި މާބޮޑަށް ޖެހިއްޖެނަމަ ނޭގިހުއްޓައި، ބޭކާރުކުރެވެނީ އުމުރުގެ އެންމެ މުހިއްމު އަހަރުތަކެވެ.ޝޯޝަލް މީޑިއާތަކުގައި ވަގުތު ހޭދަކުރިއަސް ކިޔެވުމަށް ގަޑި ކަނޑައަޅައި ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ކުރަންވާނެއެވ. އީދު ފަދަ އުފާވެރި މުނާސަބަތްތަކުގައި މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި އާއިލާ އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުން މާ ފައިދާވާނެކަން ޔަގީނެވެ.

ލިބޭ ޗުއްޓީ އަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގައި ހޭދަކުރާ ދުވަސްތަކަކަށް ހެދުމުގެ ބަދަލުގައި މި ދުވަސްތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމުން ފަހުން މާ ފައިދާ ކުރާނެކަން ޔަގީނެވެ