English Edition
Dhivehi Edition

2016 ވަނަ އަހަރު ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕާކިސްތާނުގެ މަޝްހޫރު “ޗައިވާލާ” އަރްޝަދް ޚާން މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ރީތި އިސްކޮޅަކާއެކު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ އަރުޝަދަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ އޭނާގެ ރީތި ނޫ ދެލޮލުގެ ސަބަބުންނެވެ. މަގުމަތީގައި އޭނާ ސައި ވިއްކަން ހުއްޓާ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާ އަލީ ނަގާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހިގެން ދިޔައެވެ. އޭނާގެ ރީތިކަމުގެ ޖާދޫގައި ގިނަ ބަޔަކުޖެހިގެން ދިޔައިރު އެ ފޮޓޯ ވެގެންދިޔައީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ފޮޓޯއަށެވެ.

އުމުރުން އެންމެ 17 އަހަރުގައި އަރްޝަދަށް ލިބުނު ސަމާލުކަމާއެކު، މީޑިއާތަކުން އޭނާގެ ‘ފަހަތުގައި އަޅުވާލިއިރު’ އޭނާ ހުރީ ވާ ނުވާވެސް ނޭގިފައެވެ. އެންމެ ފޮޓޯއެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައިރު ވަރަށް ފަހުން ޕާކިސްތާނުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެންމެ ފުރަތަމަ މީޑިއާތަކުން އޭނާގެ ފޮޓޯ ނަގަން ފެށުމުން ވާނުވާ ނޭގި ވަރަށް ހައިރާންވި ކަމަށެވެ. “އަހަރެންގެ ފޮޓޯ ނެގިތާ އެއް މަސްފަހުން ޖިއާ އާއި އެހެން އަންހެނަކު އަހަންނާއި ބަދަލުކޮށްލަން އައިސް އެދުނީ އެމީހުންނާއެކު ހެނދުނުގެ ސަޔަށް ދިއުމަށް. ދެން ސައި ނިންމާލާފަ އަހަރެން އަވަސް އަވަހަށް ދާން އުޅެނިކޮށް ޖިއާ އަހަންނަށް ގޮވާލާފަ ފަހަތަށް އެބުރިލަން ބުނި.އަހަރެން އެބުރިލިއިރު ވަރަށް ގިނަ މީޑިއާތަކުގެ މީހުން ކެމެރާ ހިފައިގެން އެތަނަށް އައިސް ތިބި. އެންމެ ފުރަތަމަ ހިތަށް އެރި މީޑިއާގެ ސަމާލުކަން ލިބޭވަރު ކޮންކަމެއްބާ އޭ ކުރެވުނީ.” އަރްޝަދު ބުންޏެވެ. އިތުރަށް އަރްޝަދު ބުނީ އޭނާގެ ފޮޓޯ އަށް ބޮޑު ސަމާލުކަމެއް ލިބުނުކަންވެސް އޭނާއަށް އެގުނީ އެދުވަހުކަމަށާއި، އެދުވަހަށްފަހު މޮޑަލްކުރުމަށް މޮޑެލްކުރުމުގެ އިތުރުން މިއުޒިކް އަލްބަމްތަކުންނާއި ފިލްމުތަކުންވެސް ފުރުސަތު ލިބިގެން ދިޔަކަމަށެވެ.

އަރްޝަދަށް ލިބުނު މަޝްހޫރުކަމާއެކު ފިލްމުތަކާއި ޓީވީ ޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައިރު މިހާރު އޭނާވަނީ އިސްލާމްއާބާދުގައި،އޭނާގެ އަމިއްލަ ކެފޭއެއްވެސް ހުޅުވާފައެވެ. “ކެފޭ ޗައިވާލާ ރޫފް ޓޮޕް” ގެ ނަމުން ނަންދީފައިވާ މި ކެފޭއަށް އެނަން ދިން ސަބަބު ހާމަކުރަމުން އަރްޝަދު ބުނީ އޭނާގެ ކެފޭ އަށް ޗައިވާލާގެ ނަމުން ނަންދިނީ، އޭނާއަށް އަމިއްލަ އައިޑެންޓިޓީ އެއް ލިބުނީ އެ ނަމުން ކަމަށް ވާތީ ކަމަށެވެ. މި ކެފޭއިން މިހާރު 20 ވައްތަރެއްގެ ކާއެއްޗެހި ލިބެން ހުރި އިރު މިކެފޭގެ އެންމެ ހާއްސަކަމަކީ އަރްޝަދުގެ މަޝްހޫރު “ޗައި” ވެސް ލިބެން ހުރުންކަމުގައި އޭނާވަނީ ބުނެފައެވެ. ދުވަހަކުވެސް މި ވިޔަފާރި ހުއްޓާލަން ބޭނުންނުވާ އަރްޝަދު ބުނީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާގެ ކެފޭތައް ހުޅުވިގެން ދިއުންކަމަށެވެ.

 

 

ޓެގު