English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 67 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 07:00 ގައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 36 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 29 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 10،097 މީހުން ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,572 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 369 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 43 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.