English Edition
Dhivehi Edition
މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ފުވައްމުލައް ސިޓީ އިން އިއްޔެ ކޮވިޑް19 އަށް ފައްސިވި އަންހެން މީހާގެ 2 ވަނަ ސާމްޕަލް އެއް ނަގަން އެޗްޕީއޭ އިން އަންގައިފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ ހެލްތް ސާވިސް މެނޭޖަރ، އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ސައީދު ވިދާޅުވިގޮތުގައި އިއްޔެ ފައްސިވި އެ އަންހެން މީހާގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ފަރާތުން ފޮނުވި މެސެޖް އަދި ހާލު ބެލުން ޕޯޓަލް ގައި ނައްސި ކަމަށް ބަޔާންކުރެވިފައިވަނީ އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލް އަށް މައުލޫމާތު އެޅި އިރު ދިމާވި އޮޅުމަކުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭ އިން އެ އަންހެން މީހާގެ ފުރަތަމަ ސާމްޕަލް ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން ފައްސިވެފައިވާތީ އެޗްޕީއޭ އިން އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓަށް އަންގައިފައިވާ ކަމަށްވެސް އަހުމަދު ސައީދު ވިދާޅުވިއެވެ. އެޗްޕީއޭ އިން މިރޭ ނެރުނު މައުލޫމާތުގައިވާ ގޮތުންވެސް ފުވައްމުލަކުން މިއަދު މީހަކު ފައްސިވެފައިވާ ކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އަހުމަދު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި އެ އަންހެން މީހާގެ އެދުމުގެ މަތިން އެޗްޕީއޭ އިން ދެވަނަ ސާމްޕަލް އެއް ނެގުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން މިކަމާއި ގުޅިގެން މިހާރު އެ އަންހެން މީހާއާއި ވާހަކަ ދެކެވެމުން އަންނަ ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އޭއޯ ނިއުސް އަށް އިއްޔެ ދިން އިންޓަވިއުއެއްގައި އެ އަންހެން މީހާ ބުނެފައިވާ ގޮތުން އޭނާ އަށް ނަތީޖާ ނައްސިވެފައިވާ ކަމުގެ މެސެޖު ލިބުމާއި ގުޅިގެން އޭނާ ވަނީ ގޭގައި ދިރިއުޅޭ އެހެން އާއިލާގެ މީހުންނާއި އެއްކޮށް އުޅެފައެވެ. ހޮސްޕިޓަލުން އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓްސް އަކީ ކިތައް މީހުންކަން ކަން ހާމަކޮށްފައި ނުވާއިރު މިވަގުތު ކުރިއަށް ދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކަމަށް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މި އަންހެން މީހާގެ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައިވަނީ އެޗްޕީއޭގެ އާންމު އުސޫލުގެ ދަށުން އެ އަންހެން މީހާ 14 ދުވަހުގެ ކަރަންޓީނު ނިންމުމަށް ފަހު މި މަހުގެ 15ވަނަ ދުވަހުއެވެ.

މިއީ ފުވައްމުލަކުން ކޮވިޑް19 އަށް ފައްސިވި ދެވަނަ މީހާއެވެ. މީގެ ކުރިން އޮގަސްޓު މަހުގެ 05 ވަނަ ދުވަހު ފުވައްމުލަކުން ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޓެސްޓު ކުރިއިރު އަންހެނަކު ފައްސިވެފައިވާ އިރު އޭނާގެ ފަރާތުން އެއްވެސް މީހަކަށް މި ބަލި ޖެހިފައެއް ނުވެއެވެ.