English Edition
Dhivehi Edition

ގައުމުން ބޭރުގައި ނުވަތަ ރަށުން ބޭރުގައި ދުވަސްތަކެއް ވަންދެން ދިރިއުޅުމަށްފަހު އުފަން ފަސްގަނޑަށް އެބުރި އަންނައިރު، އެ ރަށު މީހުން ނުވަތަ އެ ގައުމެއްގެ މީހުން ވާހަކަދައްކާ ބަސް ހަނދާން ނެތިފަ ހުރި އެއްވެސް މީހަކާއި ދިމާވި ހެއްޔެވެ؟ބައެއް ފަހަރު ވަރަށް ގިނައިން އިވޭ އަޑެކެވެ. ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި ނުވަތަ ރަށުން ބޭރުގައި ހުރުމުން ރަށުބަހުން، ނުވަތަ މާދަރީ ބަހުން ވާހަކަދައްކަން އުދަގޫވާ ވާހަކައެވެ. އެހެންނަމަވެސް ސުވާލަކީ އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަށު ބަސް ނުވަތަ މާދަރީ ބަސް ހަމަ ހަނދާންނެތި ދާނެތޯއެވެ.ނުވަތަ ހަމަ ގަސްތުގައި އެ ބަހުން ވާހަކަދައްކަން ބޭނުން ނުވަނީތޯއެވެ؟

މިއަދު މަޝްހޫރު ސެލެބްރިޓީ ޝެފް ވިކާސް ކަންނާވެސް މި ވަނީ މި ފަދަ ސުވާލުތަކެއް ޓުވިޓާގައި ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ވިކާސް ކުރި ޓުވިޓްގައި ބުނީ “ކޮންމެވެސް މީހަކު އަހަންނަށް މިކަން އޮޅުންފިލުވައިދިނުމައި އެހީތެރިވެ ދީބަލަ. އުމުރުން 25 އަހަރުގައި ޔޫއެސް އަށް ބަދަލުވާ މީހަކު ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މާދަރީ ބަސް ހަނދާން ނެތޭނީ ކިހިނެތް؟” ވިކާސްގެ މި ޓުވިޓް 1500 މީހުން ރީޓުވިޓްކޮށްފައިވާއިރު 16،600 މީހުންވަނީ މި ޓުވިޓަށް ލައިކްކޮށް އެމީހުންގެ ހިޔާލު ފާޅުކޮށްފައެވެ. މި ގޮތުން ހިޔާލު ފާޅުކުރި މީހަކު ބުނީ ޔޫއެސް ގައި ދިރިއުޅޭތާ ދެ ހަފްތާވާއިރުވެސް ބައެއް މީހުން އެމީހުންގެ މާދަރީ ބަސްމަތިން ހަނދާންނެތޭ ކަމަށާއި ދެ އަހަރަކީ އަދި ވަރަށް ގިނަ ދުވަސްކަމަށެވެ.

ކޮންމެއަކަސް ވިކާސް މި ބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. ދިވެހިންގެ ތެރޭގައިވެސް މިހާރު މިކަންވަނީ ވަރަށް އާންމުވެފައެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ރަށު ބަހުން ވާހަކަދައްކުން ހުއްޓާލާފައިވާއިރު ރަށުގައި ދިރިއުޅޭ ގިނަ މީހުންވެސް އެމީހުންގެ ދަރިންލައްވާ ވާހަކަދައްކުވަން ބޭނުންވަނީ މާލެ މީހުން ދައްކާ ބަހުރުވައިންނެވެ. ބައެއް ބެލެނެވެރިން މިކަމުގައި ދަރިންނަށް މަޖުބޫރުކުރުވާއިރު، ބައެއް ފަހަރު ރަށު ބަހުން ވާހަކަދެއްކުމަކީ ލަދު ހުތުރުކަމެއްކަމުގައިވެސް ދަރިންނަށް ވިސްނައިދީފައި އެބަހުއްޓެވެ.

ހަމަމިއާއި އެކު މަތީ ތައުލީމު ހޯދުމާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ މީހުންނަށްވެސް އެމީހުންގެ މާދަރީ ބަސް އުދަގޫވެ މުޅިންވެސް އިނގިރޭސި ބަހުން ވާހަކަދައްކަމުން އަންނައިރު ދަރީންނަށް އިނގިރޭސި ބަސް އުނގަންނައިދިނުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރުމަކީ ވެސް މައްސަލައެއް ނޫންކަމުގައި ގިނަ ބެލެނެވެރިންދެކެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި ނުވަތަ ރާއްޖެއިން ބޭރުގައި އުޅެފައި އަންނައިރު ތިމާ ‘އަސްލު’ ވާހަކަދައްކާ ބަސް ‘ހަނދާންނެތުމަކީ’ ހަގީގަތުގައިވެސް ވަރަށް ބޮޑު މައްސަލައެކެވެ