English Edition
Dhivehi Edition

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ “ޝާދީ މުބާރަކް” ގެ ލީޑް ތަރި ރާޖްޝްރީ ތާކޫރް މި ޑްރާމާއިން ވަކިވި ހަބަރާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ

ޝާދީ މުބާރިކްގައި އޭނާ ދައްކާފައިވާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބާއި ލޯބި ލިބިފައިވާ ރާޖްޝްރީ ކުއްލިއަކަށް އެ ޑްރާމާ ދޫކޮށްލަން ނިންމި ސަބަބާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މި ޑްރާމާ އިން ވަކިވާން ނިންމި ވާހަކަ ރާޖްޝްރީ، ޑްރާމާގެ ޕްރޮޑިއުސަރަށް އެންގުމާއެކު މިހާރު އޭނާގެ ރޯލު ކުޅޭނެ ތަރިއަކުވެސް ވަނީ ހަމަޖައްސާފައެވެ. ދެން ރާޖްޝްރީގެ ރޯލުން، ފެނިގެންދާ ރާޓީ ވަނީ މިހާރު ޑްރާމާގެ ޝޫޓިންވެސް ފަށާފައެވެ. ބެލުންތެރިންނަށް އެއްވެސް ކަހަލަ އިޝާރަތެއްވެސް ނުދީ ރާޖްޝްރީ، ޝާދީ މުބާރިކް ހުއްޓާލަން ނިންމީ އެ ޑްރާމާގެ ޕްރޮޑެކްޝަން ޓީމާއި މައްސަލަ ޖެހިގެން ކަމުގައި ގިނަ ބަޔަކު ބުނަމުން އަންނައިރު އޭނާ މި ވަނީ އެންމެންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

ރާޖްޝްރީ ބުނީ ޝާދީ މުބާރިކް އިން ވަކިވާން ނިންމާފައިވާކަން މީގެ ހަފްތާއެއް ކުރިން ޕްރޮޑިއުސަރަށް އަންގާފައިވާނެކަމަށެވެ. އަދި މިޑްރާމާއިން ވަކިވީ އެއްވެސް މީހަކާއި މައްސަލަ ޖެހި ހިތްހަމަނުޖެހުމެއް އުފެދިގެން ނޫންކަން ފާހަގަކުރަމުން ރާޖްޝްރީ ވަނީ އޭނާ ޝާދީ މުބާރަކްއިން ވަކިވި އަސްލު ސަބަބު އޮޅުން ފިލުވަދީފައެވެ. “މި ޑްރާމާއަށް އެއްބަސްވިއިރި ހިއެއް ނުކުރަން ޝޫޓިންތައް މިހާ ބިޒީވެ ބުރަވާނެކަމަކަމަށް. އަހަރެންނަކީ 4 އަހަރުގެ ދަރިއެއްގެ މަންމައެއް، އަހަރެންގެ ދަރިފުޅާއި އަޅާލާނެ މީހުން ތިއްބަސް، ގިނަ ވަގުތު ދަރިފުޅާއި ދުރުގައި އުޅެން އެހާ ހިތްހަމައެއް ނުޖެހޭ. މިހާރު ޝޫޓިންއަށް ވަރަށް ގިނަ ވަގުތު ދިނުމާއި، ދަތުރުކުރަން ޖެހުމުން އަސްލު މި ޑްރާމާއިން ވަކިވާން ޖެހުނު ސަބަބަކީ” ރާޖްޝްރީ ބުންޏެވެ. އިތުރަށް ރާޖްޝްރީ ބުނީ މި ކަމަށް ހައްލެއް ލިބޭތޯ ޑްރާމާގެ ޕްރޮޑެކްޝަން ޓީމާއި ވެސް ވާހަކަދައްކާފައިވާ ކަމަށާއި އެހެންނަމަވެސް އެދެވޭ ހައްލެއް ނުލިބުން ޑްރާމާއިން ވަކިވާން ނިންމީ ކަމަށެވެ. ” މި ވަގުތު މި ޑްރާމާއިން ވަކިވިޔަސް އަދި ކުރިއަށް އޮތް ތަނުގައި ހަމަ ޓީވީ އިން ފެންނާނެ” ނިންމާލަމުން ރާޖްޝްރީ ބުންޏެވެ.

މީގެ ކުރިންވެސް ގިނަ ޑްރާމަތަކަކުން ފެނިގެން ދިޔަ ރާޖްޝްރީ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި ސޮނީ ޓީވީން ގެނެސްދިން “ބާރަތު ކާ ވީރު ޕުތުރާ: މަހާރާނާ ޕްރަތާބް” އާއި “ސާތު ޕޭރޭ: ސަލޯނީ ކީ ސަރަފު”، “ކަސަމް ސޭ” އަދި “ސަޕްނާ ބާބުލް ކާ: ބިދާއީ” ހިމެނެ އެވެ. ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ރާޖްޝްރީ ފެނިގެން ދިޔަ ޑްރާމާ ޝާދީ މުބާރަކް އިން އޭނާ ވަކިވުމުން ގިނަ ބަޔަކުވަނީ އެ ނިންމުމަށް ފާޑު ކިޔާފައެވެ..