English Edition
Dhivehi Edition
ފޮޓޯ: ތޮލާލް މުހައްމަދު

ސަދާން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ސްކީމް އިން ފުވައްމުލައް ސިޓީގައި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްކީމްގެ ފުވައްމުލައް ގޮފިން އިސްނަގައިގެން 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުމުރުން 14 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މި ކޯހުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ ތަޖުރިބާ ހުރި ދިވެހި މުދައްރިސެކެވެ.

ސްކީމް ފުވައްމުލައް ޗެޕްޓަރ ގެ ވައިސް ޗެއަރޕާސަން ޝިޔާމާ އަބްދުﷲ ވިދާޅުވިގޮތުގައި މިފަދަ ކޯހެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކަކީ އަބަދުވެސް ވާހަކަ ދެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ފަރާތްތަކެއްވާ ރަށަކަށް ވެފައި މި ހުނަރު ދިރުވާ އާލާ ކުރުމަށް ކަމަށެވެ. އަދި ކޮވިޑް19 ގެ މި ދަތި ދަނޑިވަޅުގައި ރަށުގެ ގިނަ ރައްޔިތުންތަކެއް މިވަގުތު ރަށުގައި އެކި ސަބަބުތަކާއި ހެދި ތިބުމާއި ގުޅިގެން އެ ފަރާތްތަކަށްވެސް ރަށުގައި ތިބެގެން ބައިވެރިވެވޭނެ ފައިދާހުރި ކަމެއް ހިންގުމުގެ ގޮތުން ކަމަށްވެސް ޝިޔާމާ ވަނީ ވިދާޅުވެފައެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ކޯސް ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގަން ހަމަޖެހިފައިވާއިރު ޝިޔާމާ ވިދާޅުވިގޮތުގައި ހުރިހާ ފަރާތްތަކަށްވެސް މާލީ ގޮތުން ގޮންޖެހުންތަކެއް ހުރުމާއި ގުޅިގެން މި ކޯހުގައި ނަގަން ހަމަޖެހިފައިވަނީ ކޯހުގެ ފެންވަރާއި ކޯހުގައި ކިޔަވައިދެވޭނެ ބައިތަކަށް ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށެވެ. އެގޮތުން ކޯހުގައި ކިޔަވައިދެވޭނެ ބައިތައް ތައްޔާރު ކުރެވިފައިވާ ގޮތުން ކޯސް ނިންމައި ފަރާތްތަކަށް ވާހަކަ ދެއްކުމާއި ބެހޭގޮތުން ގިނަ ހުނަރު ތަކެއް ދަސްވެގެން ދާނެ ކަމަށްވެސް ޝިޔާމާ ވަނީ ވިދާޅުވެފައެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://form.jotform.com/202845032875457 އަށް ޒިޔާރަތްކުރުމުން ބައިވެރިވާން ފުރިހަމަ ކުރަންޖެހޭ ފޯމު އޮންލައިންކޮށް ފުރިހަމަކުރެވޭނެއެވެ. މި ކޯހާއި ބެހޭ އިތުރު މައުލޫމާތު 7885917، 7782103 އަދި 9682090 އާއި ގުޅައިގެން ލިބޭނެއެވެ.

ސްކީމްގެ ފަރާތުން މިއަހަރުގެ ތެރޭގައި ވަނީ ފުވައްމުލައް ސިޓީގައި ނޫސްވެރިން ތަމްރީނުކުރުމަށް ބޭސިކް ޖާނަލިޒަމް ކޯހެއް އަދި ޗައިނާ ބަސް ދަސްކޮށްދިނުމުގެ ކޯހެއް ހިންގާފައެވެ.