English Edition
Dhivehi Edition

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ ‘ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ’ ގެ އެންމެ ފަހު އެޕިސޯޑް މި މަހުގެ 17 ވަނަ ދުވަހު ދެއްކުމަށް ނިންމާފައިވާއިރު ގިނަ ބަޔަކުވަނީ މި ޑްރާމާ ނިންމާލަން އުޅޭތީ އެކަމާ ހިތާމަކޮށް ނުރުހުން ފާޅުކޮށްފައެވެ.

ސްޓާ ޕްލަސްގެ މިހާރު ދައްކަމުންދާ އެންމެ ދުވަސްވީ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން ކުރިފަޅުވައިގެން ގެނެސްދޭން ފެށި މި ޑްރާމާއަކީ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގައި ކުރިން ކުޑަކުއްޖެއްގެ ރޯލު ކުޅުނު މިޝްޓީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭން ފެށި ޑްރާމާއެކެވެ. ޝަހީރް ޝެއިޙް(އަބީރް) އާއި ރިއާ ޝަރުމާ(މިޝްޓީ)ގެ ލޯބި ޖޯޑު ފެނިގެންދާ މި ޑްރާމާ ނިންމާލަން އުޅޭކަން ޑްރާމާގެ ޕްރޮޑިއުސަރު އިއުލާން ކުރުމާއެކު، ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއްވަނީ ލިބިގެން ގޮސްފައެވެ. އަދި ބައެއް ފަރާތްތަކުން ޑްރާމާ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ގޮވަމުންދާއިރު ހަބަރު ފަތުރާ ވަސީލަތްތަކުން ބުނީ މި ޑްރާމާގެ ދެވަނަ ސީޒަނެއް ގެނެސްދިނުމަށް ޕްރޮޑެކްޝަން ޓީމުން ތައްޔާރުވަމުން އަންނަކަމަށެވެ.

މި ދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެނެސްދެމުން އަންނަ މިޑްރާމާ ނިންމާލަން އުޅޭތީ ގިނަ ބަޔަކު ހިތާމަފާޅުކުރަމުން އަންނައިރު ޝަހީރްވެސް ވަނީ ޑްރާމާ ނިންމާލަން އުޅޭތީ ދެރަވާކަމަށާއި މި ޑްރާމާގައި ކުޅޭ އަބީރްގެ ރޯލަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅޭ ރޯލެއްކަމުގައި ބުނެފައެވެ. “ކޮންމެ އުފާވެރި ރަގަޅުކަމަކަށް ނިމުން އަންނަ ފަދައިން މިކަމަށްވެސް ނިމުން މިއައީ. އެކަމަކު މިއީ ވަރަށް އުފާވެރި ގިނަ ތަޖުރިބާތަކެއް ލިބުނު ޑްރާމާއެއް. އަހަރެން މި ޓީމާއި އެކު އުޅުނު ގޮތް ވަރަށް ހަނދާންވާނެ. އަހަރެމެން އެންމެން އުޅުނީ އެއް އާއިލާއެއްހެން” މި ޑްރާމާގެ އެންމެ ފަހު ޝޫޓިން ނިންމާލުމަށްފަހު ޝަހީރް ބުންޏެވެ.

މި ޑްރާމާގެ އެންމެ މުހިއްމު ތަރި ރިއާ ބުނީ، ސެޓަށް ޕްރޮޑިއުސަރު ރާޖަން ޝާހީ އައިސް ޑްރާމާ ނިންމާލަން އުޅޭ ހަބަރު ހިއްސާކުރުމުން ގަބޫލުކުރަން ދަތިވިކަމަށެވެ. އަދި އެހާ އަވަހަށް ނިންމާލަން ގަސްތުކުރާ ވާހަކަ ބުނުމުން އެންމެން ވެސް ތިބީ ޝޮކެއްގައި ކަމަށާއި ނަމަވެސް ޕްރޮޑިއުސަރުގެ ނިންމުމަށް އެންމެންވެސް އިޚުތިރާމްކުރާކަމަށް ރިއާ ވަނީ ބުނެފައެވެ. އިތުރަށް ރިއާ ބުނީ ޑްރާމާ ނިންމާލި ނަމަވެސް ޑްރާމާގެ ހުރިހާ ތަރިން މަތިން ވަރަށް ހަނދާންވާނެ ކަމަށާއި ތަރިންގެ މެދުގައި އުފެދިފައިވަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ.

މީގެ އިތުރުން މުޅި ޑްރާމާގެ ލޮނު ހެޔޮވަރުކޮށް އެކްޓިންގެ ދާއިރާގައި އެފަދަ ދެވަނަ އެއް ނެތް ރޫޕަލް ޕަޓޭލް(މިނާކްޝީ ރާޖްވަންޝް) ބުނީ އޭނާ ކުޅޭ ކޮންމެ ޑްރާމާއެއްވެސް ހާއްސަކަމަށާއި ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ އަކީވެސް އޭނާއަށް ވަރަށް ހާއްސަ ޑްރާމާއެއްކަމަށެވެ. “މި ޑްރާމާގައި މިނާކްޝީގެ ރޯލު ކުޅެން ފުރުސަތު ދިންކަމަށްޓަކައި ޕްރޮޑިއުސަރު ރާޖަން އަށާއި ސްޓާ ޕްލަސް އަށް އަދި މުޅި ޑްރާމާގެ ޓީމަށް ޝުކުރު އަދާކުރަން. މި ރޯލު ކުޅުމަކީ އަހަންނަށް ލިބުނު ޝަރަފެއް” ރޫޕަލް ބުންޏެވެ.

މި ޑްރާމާއަށް ބެލުންތެރިންގެ ފަރާތުން ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައިރު މިހާރު އެންމެންގެވެސް އުއްމީދަކީ މި ޑްރާމާގެ ދެވަނަ ސީޒަނުގައިވެސް ޝަހީރް އާއި ރިއާގެ ލޯބި ޖޯޑު ފެނިގެން ދިއުމެވެ.