English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަމުންދާ، ބަހާއުއްދީންމަގުގެ ސްޕީޑް ބްރޭކަރުތައް ރަނގަޅު ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.

މިމަގުގައި އަޅާފައިވާ ސްޕީޑްބްރޭކަރުތަކުގެ މައްސަލަ ބޮޑުވެ ގިނަ ބައެއްގެ ޝަކުވާތައް އަމާޒުވެފާއިވާއިރު، ގިނަ ބަޔަކުވަނީ އަގު ބޮޑު ވެހިކަލްތައް ހަލާކުވަމުންދާކަމަށާއި މި ބްރޭކަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަމަށް ބުނެފައެވެ. އަދި މަގުގައި އަޅާފައިވާ ސްޕީޑް ބްރޭކަރުތައް އަޅާފައިވަނީ އެއްވެސް މިންގަނޑެއްނެތި އެކި ސައިޒަށްކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވާއިރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ މި މައްސަލަ އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމްގެ ސަމާލުކަމަށް ގެންނަވާފައެވެ.

ސްޕީޑްބްރޭކަރުތަކުގެ މައްސަލަ އާއި ބެހޭ ގޮތުން މިމަހުގެ 06 ވަނަ ދުވަހު ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީދޫގައި ހަދަމުންދާ މަގުގެ، ހުރިހާ އެހެން މަސައްކަތްތައް މި ވަގުތަކަށް ހުއްޓާލުމަށްފަހު، ސްޕީޑް ބްރޭކަރުތަކުގެ މައްސަލަ ހައްލުކޮށް ދިނުމަށް އެމްޓީސީސީގެ އެމްޑީގެ އަރިހުން އެދިފައިވާނެ ކަމަށެވެ ސްޕީޑް ބްރޭކަރުތައް ރަނގަޅުކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފަށާފައިވާއިރު މިއީ 3271938570 ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ މި މަގުގައި ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށްހަމަޖެހިފައިވާއިރު މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ،