English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ފައިސާ ޓްރާންސްފަރ ކުރާއިރު ސަމާލުވުމަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ފޮނުވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފައެވެ.

މީގެ އިތުރުން ފައިސާ ފޮނުވުމުގެ ކުރިން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ނަންބަރާއި ނަން ޔަޤީން ކުރުމަށާއި، ނުދަންނަ ފަރާތްތަކަށް ފައިސާ ނޮފޮނުވުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ. އަދި އެއްވެސް ހާލަތެއްގައި ފައިސާ ފޮނުވުމަށް އެދި ބީއެމްއެލް އިން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ފައިސާ ޓްރާންސްފަރ ކުރާއިރު އިތުރަށް ސަމާލުވުމަށް ބީއެމްއެލް އިން އަންގާފައިވާއިރު، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމަށް ބީއެމްއެލްގެ ނަމުގައި ގުޅައި އީމެއިލް ކުރުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އެފަދަ ކޯލްތަކާއި އީމެއިލް އަދި މެސެޖުތަކަށް ސަމާލުވުމަށް އަންގައި، ފައިސާ ހޯދުމަށާއި އެކައުންޓް ނުވަތަ ކާޑުގެ ތަފްސީލު ހޯދުމަށް ބޭންކުން ނުގުޅާނެ ކަމަށް ބީއެމްއެލް އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.