English Edition
Dhivehi Edition

ލިއުނި: އަހުމަދު ހިޒާމް ހަލީލު

2017 ވަނަ އަހަރު އައްޑޫގެ ސްކޫލްތަކުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރުހަވާލުކުރުމުގެ ހަފްލާ ފޭދޫ ސްކޫލްގައި އިއްޔެރޭ ބާއްވައިފިއެވެ.

ފޭދޫ ސްކޫލްގައި ބޭއްވި މިކުލަގަދަ ހަފްލާގައި ޖުމްލަ 114 ދަރިވަރުން ހުވާކޮށް ހަތިޔާރު ހަވާލުކޮށްފައިވެއެވެ. އައްޑޫ ސިޓީގެ 5 ސްކޫލެއް ކަމުގައިވާ ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި މަރަދޫ ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމަށް ބޭއްވި މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ އެމް އެން ޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމެވެ.

މި ޖަލްސާ ފެއްޓުމުގެ ގޮތުން ހުއްދަ ހޯއްދެވީ ވޮރެންޓް އޮފިސަރ ގްރޭޑް 1 ތޯޙާ ޔާސިން ރަމްޒާނެވެ. ޖަލްސާ ފެށުމަށްފަހު އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕްލް ޑރ. އަހުމަދު އަދީލް ނަސީރެވެ. ޕްރިންސިޕަލް ވަނީ އައްޑޫގައި ކެޑޭޓް އަދި ބޭންޑު ހަރަކާތްތައް ހިންގަމުންއައިގޮތާއި މެދު ވާހަކަދައްކައި ދިރިއުޅުމަގައި ދިމާވާ ކަންކަމާއި ކެރިގެން ހިއްވަރާއެކު ކުރިމަތިލުމަށް އިލްތިމާސްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުން ކުރާ ހުވައާއި ބެހޭގޮތުން ޝެއިޙް އަހުމަދު ނާޒިހް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިހުވާގެ މަތީގައު ސާބިތުކަމާއެކު ދެމިތިބުމަށްވެސް ޝެއިހް ނަސޭހަތްތެރިވިއެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނަށް ހަރިޔާރު ހަވާލުކޮށްދެއްވީ ފަސްޓް ލެފްޓިނެންޓް އަލީ ޝުޖާއުއާއި ފަސްޓު ލެފްޓިނެންޓް އަހުމަދު ވަހީދެވެ. މީގެއިތުރުން މިހަފްލާގައި މިއަހަރު އެމް އެން ސީ ސީ އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓްވެސް ހަވާލުކޮށްފައިވެއެވެ.

މިހަފްލާގެ ޝަރަފްވެރި މެހެމާނު، އެމް އެން ޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމް ދަރިވަރުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކެޑޭޓް ހަރަކާތްތަކަކީ ދިރިވަރުންގެ ކުރިމަގު ބިނާކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ އިތުރުހަރަކާތެއް ކަމަށެވެ. އަދި ހަމަ އެހެންމެ ދަރިވަރުންނަކީ މުޖްތަމުއަށް ފައިދާހުރި ފަރުދުންތަކެއްކަމަށް ހެދުމަށް މިއީ ވަރަށް ފައިދާހުރި ހަރަކާތެއް ކަމަށެވެ.އެބޭފުޅާގެ ވާހަކަފުޅުގައި ކެޑޭޓް ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ އަހުލާގު ނަވަތަ ޑިސިޕްލިން ރަންގަޅުވާ ވާހަކަވެސް އައިސްފައިވެއެވެ. ވާހަކަ ކުރުކޮށްލަމުން އެބޭފުޅާވަނީ ދަރިވަރުންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ނަސޭހަތްތެރިވެ، ގިނަ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.