English Edition
Dhivehi Edition

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުން އަންނަ ރިންގްރޯޑު (ޖަމާލުއްދީން ނައިބު ތުއްތު މަގު) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ކުރެހުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ފެއްޓިގެން ދާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހް ވިދާޅުވެއްޖެއެވެ.

މަސީހް ވިދާޅުވިގޮތުގައި އެ މަގު ތަރައްގީ ކުރުމުގެ ތެރެއިން މަގު ކުރެހުމަށްޓަކައި ބޭނުންވާ ސާމާނުތައް މިހާރު ރަށަށް ގެނެސްފައިވާ ކަމަށާއި އަންނަ ހަފްތާގައި މަގު ކުރެހުމުގެ އިތުރުން ސްޕީޑް ބްރޭކްތައް ހެދުމުގެ މަސައްކަތްވެސް ފެއްޓިގެން ދާނެ ކަމަށެވެ.

މަގުގެ ޕޭވްމެންޓުގެ މަސައްކަތް ވެސް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާ ކަން ފާހަގަކުރައްވައި މަސީހް ވިދާޅުވި ގޮތުގައި މަގުގައި ހެދިފައި ހުންނަ ‘ގްރީން ޑްރެއިނޭޖް’ގެ މަސައްކަތްތައްވެސް މިވަގުތު ކުރިއަށް ދާ ކަމަށެވެ. އެގޮތުން މުއައްސަސާތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އެ ސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ ރަށު ތެރޭގެ މަގުތަކުގެ މަސައްކަތާއި ބެހޭގޮތުން މަސީހް ވިދާޅުވި ގޮތުގައި ފިނިވާމަގުގެ ‘ކޭބަލް ޑަކްޓް’ތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މަގުގައި ފެންހޮޅިތައް އެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގައި ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތެރެއިން 31 މަގެއް ތަރައްގީ ކުރެވިގެންދާއިރު މަސީހް ފާހަގަކުރެއްވި ގޮތުގައި ރަށުގެ އެހެން މަގުތަކުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެއްޓިގެން ދާނެ ކަމަށެވެ.

އެހެން މަގުތަކުގެ މަސައްކަތް ފެއްޓުން ލަސްވެފައިވަނީ ކުރިން މަސައްކަތް ރޭވިފައި އޮތް ގޮތައް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށްވެސް މަސީހް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމްޓީސީސީ އާއި އެކު ވެވުނު އެއްބަސްވުމުގައި އެއްފަހަރާ ރަށުގެ 3 މަގެއްގެ މަސައްކަތް ކުރިއަށް ގެންދަން އެއްބަސް ވެވިފައި ވީ ނަމަވެސް ކޮވިޑް19 ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މަސައްކަތް ރޭވިފައި އޮތް ގޮތައް ކުރިއަށް ނުގެންދެވި ވާ ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތުގައި ފުވައްމުލަކުގެ ގިނަ ބައެއް ޝާމިލު ކުރެވިގެން ކުރިއަށް ދާއިރު މަސީހް ފާހަގަކުރެއްވި ގޮތުގައި އެމްޓީސީސީއާއި ޕްރޮޖެކްޓް ހަވާލު ކުރެވި ބޭއްވުނު ބައްދަލުވުމުގައި ފުވައްމުލަކުގެ ރައްޔިތުން މަސައްކަތުގައި ބައިވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދިފައިވާނެ ކަމަށެވެ. އެގޮތުން މިވަގުތު މަސައްކަތުގައި ބައިވެރިވަމުން އަންނަނީ އެމްޓީސީސީއާއި ފުވައްމުލައް ސިޓީ ކައުންސިލާއި މެދު ވެވުނު އެއްބަސްވުމުގެ ދަށުން އިއުލާން ކުރެވި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ މީހުން ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ މަގުތައް ތަރައްގީ ކުރުމުގައި އެ ރަށުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށް އުޅޭ 5 މަގަކަށް އިސްކަން ދެވިގެން މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެއީ ފުވައްމުލަކުގެ ބަހާރުމަގު، ހަވިއްތަމަގު، ހުސްނުހީނާމަގު، ފިނިވާމަގު އަދި އޯކިޑްމަގެވެ.