English Edition
Dhivehi Edition
ދިގިހެރަ، އައްޑޫ ސިޓީ ފޭދޫ - ފޮޓޯ: އޭއޯ ނިއުސް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް، މިއަދު 07:00 އިން ފެށިގެން 12:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރޭ 08:00 އިން މިރޭ 08:00 އާއި ހަމައަށް، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި އޭގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އުތުރުގެެ ބައެއް ރަށްތަކަކަށް ކެރީގެ އަސަރު ކުރުކުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 8 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.