English Edition
Dhivehi Edition

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކެންޔާ އަންހެނެއްކަމަށްވާ ޖެޑިޑާ އެންޑުކޫ ކިންގޫ (27އ) ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުރެވިގެން އެ އަންހެން މީހާ ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުމާ ގުޅިގެންނެވެ. އަދި އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 53 ބުލެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.