English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 54 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9,364 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 88.93% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10,530 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 1,125 މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,583 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 492 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 67 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 34 މީހަކު ވަނީ މަރުވެފައެވެ. އެއީ 27 ދިވެހިންނާއި ހަތް ބިދޭސީންނެވެ.