English Edition
Dhivehi Edition

ކަބައްރާ އޭ ބުނުމުން ފުވައްމުލައް ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް މިއީ އާ ނަމަކަށް ނުވާނެއެވެ. ކަބައްރާ އަކީވެސް ކޮވިޑް19ގެ ސަބަބުން ވަޒީފާއަށް ބުރޫ އެރި ޒުވާނެއްގެ ވިސްނުމާއި މިންނެތް މަސައްކަތެވެ. ދިރިއުޅެމުން އަންނަ ގޭގެ ބޭރުގައި އާދައިގެ ގާޑިޔަލެއް ހިޔާކޮށްގެން އެކި ކަހަލަ ކާއެއްޗެހި ވިއްކަން ފެއްޓި ކަބައްރާ އަކީ މިއަދު ފުވައްމުލަކުގައި ‘ސްޓްރީޓް ފުޑް’ އަށް މަޝްހޫރު ބްރޭންޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފުވައްމުލަކަށް ސްޓްރީޓް ފުޑް ތައާރަފުކޮށް ފުޅާކޮށްލި ޒުވާނާ، ހަސަން އަތީގު (ބާބަ) ބުނި ގޮތުގައި ‘ސްޓްރީޓް ފުޑް’ގެ ވިޔަފާރި ރަށަށް ތައާރަފުކޮށް ހިންގުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއްކަމަށާއި ކޮވިޑް19ގެ ސަބަބުން އާމްދަނީ ހޯދުން ދަތިވުމުން ހިތްވަރުކޮށްފައި ވިޔަފާރި ފެއްޓީކަމަށެވެ.

“ފުރަތަމަ ފެއްޓީ ހަމަ އެކަނި ގްރިލްޑް ސޮސެޖް އިން، ދެން މަޑު މަޑުން ފުޅާކުރަމުން އައިސް ކުކުޅު ފައި، އެކި ކަހަލަ ސީފުޑް އެއްޗެހިވެސް ތައާރަފުކުރީ. މިހާރު ކަބައްރާގެ މެނޫ ވަރަށް ފުޅާވާނެ. ކުރިން ހުޅުވީ ހަވީރު 16:00 އިން 00:00އަށް. މިހާރު އެބަ ހުޅުވަން 14:00ގައި” ބާބާ ބުންޏެވެ.

ބާބަ ފާހަގަކުރި ގޮތުގައި ވިޔަފާރީގައި ހުރި އެންމެ ބޮޑު ދަތިކަމަކީ އެކަމަށް ބޭނުންވާ އެއްޗެހި ލިބުމުގެ ދަތިކަމެވެ. އެގޮތުން ގިނަ އެއްޗެހި މާލެ އިން ގެންނަންޖެހޭ އިރު ދަތުރުފަތުރުގެ ސަބަބުންވެސް ދޭން ބޭނުންވާ ފެންވަރުގެ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.

މިހާރު ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ‘ސްޓްރީޓް ފުޑް’ ވިއްކަމުން ކަބައްރާއިން އަންނަ އިރު ލިބެން ހުރި އެއްޗެހި ވެސް އަގުހެޔޮވެފައި ވަރަށްވެސް މީރެވެ. ޗިކެން ރެޕް އަކީ ބާބަ ފާހަގަކުރިގޮތުން އެންމެ މަގުބޫލު އެކައްޗެވެ. ކުކުޅު ކުރަނޑި، ޗިކެން ލަޒާނިއާ، އެކިވައްތަރުގެ ސޮސެޖާއި ޓާކޯސް ލިބެންހުރި ތަނުގެ ހިދުމަތުގެ އަވަސްކަމާއި ބާބަ ހުރިހާ ކަސްޓަމަރުންނާއި މެދުވެސް ބަހައްޓާ ގާތް ކަމަކީ އެންމެންވެސް ފާހަގަކުރާ ކަމެކެވެ.

ޗުއްރޯސް އާއި އެކި ކަހަލަ ފޮނި އެއްޗެހި މިތަނުން ލިބެންހުރި އިރު ބާބަ މިވަނީ ހިދުމަތް ފުޅާކޮށް ބޯވަ ނޫޑްލްސް ފަދަ ކެއުންތައްވެސް އެތަނަށް ތައާރަފުކޮށްފައެވެ. އެކި ދުވަހަށް ހާއްސަކޮށް އެކި މެނޫ ކަބައްރާއިން ނެރެމުން އަންނަ އިރު ބާބަ ފާހަގަކުރި ގޮތުގައި އަބަދުވެސް އޭނާ އާ ‘ވެރައިޓީ’ އެއް މެނޫ އަށް އިތުރުކޮށްލަން މަސައްކަތްކުރެއެވެ.

ބާބަ ތަފާތު އިތުރުކަމެއްވެސް މިވަނީ ކޮށްފައެވެ. ފުރަތަމަ ހިދުމަތް ދޭން ފެއްޓި ގާޑިޔާގެ ބަދަލުގައި މިޒަމާނާ ގުޅޭ ގާޑިޔަލެއްވެސް ތައާރަފުކޮށްފިއެވެ.

“ކުރީގެ ގާޑިޔާގެ ބަދަލުގައި މިހާރު މިގެންގުޅެނީ އެހެން ގާޑިޔަލެއް، ބޭނުމެއް ނޫން ކުރިން ގެންގުޅުނު ގާޑިޔާ ދޫކޮށްލަން، އެހެންވީމަ އެ ހަމަ ވަރަށް ކައިރީގައި އަދިވެސް މިބާއްވަނީ، އެއީ މި ދަތުރުގެ ފެށުން ހަގީގަތުގައި” ބާބަ ކުރީގައި ގެންގުޅުނު ގާޑިޔާގެ ވާހަކަ ކިޔާދެމުން ބުންޏެވެ.

ބާބަ ކަބައްރާގެ ވިޔަފާރި ފެއްޓިތާ އަދި މާ ގިނަ ދުވަސްތަކެއްވެފައި ނުވާއިރު ބާބަ ފާހަގަކުރިގޮތުގައި ވިޔަފާރީގައި އޭނާއަށް އެންމެ އެހީތެރިވާ އެއް ފަރާތަކީ ވިޔަފާރީގެ އަނެއް ޕާޓްނަރ މުހައްމަދު ފާރިސްއެވެ. އެގޮތުން ބާބަ ބުނި ގޮތުގައި އޭނާ އާއި ފާރިސްގެ ވިސްނުންވެސް ހުރީ ކަސްޓަމަރުންނަށް ތަފާތު ރަހަތަކެއް ކަބައްރާ މެދުވެރިކޮށް ގެނެސް ދިނުމަށެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ އުމުރަކާއިވެސް ގުޅޭ ސްޓްރީޓްފުޑްގައި މަގުބޫލު ބްރޭންޑްއަކަށް ކަބައްރާ ވެފައިވާއިރު އޭއޯ ނިއުސް އިން އެދެނީ ކަބައްރާއަށް ފާގަތި ދުވަސްތަކަކަށެވެ.