English Edition
Dhivehi Edition

ކޮވިޑް19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކުރަމުން އަންނަ އިރު ގޭގައި މަޑުކޮށްލަން ޖެހުމުން އެންމެ ގިނަ ބަޔަކު ކުރި ޝަކުވާއަކީ ފޫހިވުމެވެ. އެކި މަސައްކަތުގައި އެކި މީހުން ފޫހިފިލުވާލުމަށް ވަގުތު ހޭދަކުރަމުން އައި އިރު އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްވެސް ކުރިއެވެ. ދިވެހިރާއްޖޭގައި މަސްޓޭންކުތައް ހެދުމަށް އެއްބަޔަކު ބޮޑު ހޭދަތަކެއް ކުރިއިރު ވީޑިއޯ ގޭމުތަކަށް ކުރި ބާރުވެސް ކުޑައެކޭ ނުބުނެވޭނެއެވެ.

ވީޑިއޯ ގޭމުގެ ފޯރި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ހިފާ ލައިފައިވާ އިރު އެއްބަޔަކަށް އެންމެ ދަތިވީ ގަންނަ ގޭމުތަކާއި ގުޅޭ އެކަށޭނެ ފާޑުކިޔުންތައް ފެންނަން ނެތުމެވެ. ދިވެހިރާއްޖޭގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ވީޑިއޯ ގޭމު ކުޅެ އުޅޭ ތިން ރައްޓެހިންތަކެއް ވެގެން އުފެއްދި އެންމެން ގޭމިންގް އަކީ މިހާރު ގޭމު ކުޅެ އުޅޭ މީހުންނާއި ވަރަށް ގާތް ނަމަކަށް ވާނެއެވެ.

އެންމެން ގޭމިންގް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން އެކަމުގައި އިސްކޮށް އުޅޭ ފަރާތެއް ކަމުގައިވާ މޫނިސް މުނީޒް ބުނިގޮތުގައި އެންމެން ގޭމިންގްގެ ވިސްނުން އައީ އޭނާއާއި އެއްކޮށް ގޭމު ކުޅެ އުޅޭ އޭނާގެ 2 ރައްޓެހިން ކަމުގައިވާ ތަހުސީން އަލީ އަދި އަބްދުﷲ ޒުބައިރުގެ ޙިޔާލާއި މަޝްވަރާއާއި އެއްކޮށް ކަމަށެވެ. އެގޮތުން ރާއްޖޭގައި އަދި މިވަގުތު ގޭމު ކުޅުމާއި ގޭމާއި ގުޅޭ ވާހަކަ ދައްކާނެ މީޑިއާ އެއް ނެތުމުން ކުރަން ނިންމި ކަމެއްކަމަށްވެސް މޫނިސް ވަނީ ބުނެފައެވެ.

އެގޮތުން އެންމެން ގޭމިންގް އިން ފޭސްބުކް، ޓުވިޓަރ، އިންސްޓަގްރާމް އަދި ޔޫޓިއުބް ގައި ވަނީ ގޭމު ކުޅޭ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފައެވެ. މީސްމީޑިއާގެ މި ވަސީލަތްތައް މެދުވެރިކޮށް އެންމެން ގޭމިންގް އިން އަންނަނީ އަލަށް ނިކުންނަ ގޭމުތަކާއި ގޭމު ކުޅުމުގައި ބޭނުންކުރާ ‘ގެޖެޓު’ ތަކާއި ބެހޭ މައުލޫމާތުގެ އިތުރުން ގޭމާއި، ގޭމު ކުޅުމާއި ގުޅުންހުރި ކަންތަކަށް ފާޑުވެސްކިޔަމުންނެވެ.

އެންމެން ގޭމިންގްގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެންމެން ގޭމިންގްގެ ޕޮޑްކާސްޓް ޗެކްޕޮއިންޓް ކޮފީއެވެ. ޔޫޓިއުބް މެދުވެރިކޮށް އެންމެން ގޭމިންގްގެ ޗެނަލް އިން ގެނެސްދޭ ޗެކްޕޮއިންޓް ކޮފީ އަކީ ހާއްސަކޮށް ދިވެހިރާއްޖޭގައި ގޭމު ކުޅޭ މީހުންނާއި ގުޅޭފަދަ ގޮތަކަށް ގެނެސްދޭ ޕޮޑްކާސްޓެކެވެ. އެގޮތުން މި ޕޮޑްކާސްޓުގައި ފޭސްބުކްގައި ދެވޭ މައުލޫމާތަށް ވުރެން ތަފްސީލުކޮށް ގޭމާއި ގުޅޭ މައުލޫމާތު ގެނެސްދެއެވެ.

“އެންމެން ގޭމިންގް މި ފެއްޓީ ޕޮޑްކާސްޓުން، ވަރަށް ރަނގަޅު ފާޑުކިޔުންތައް އެބަ ލިބޭ، ހަމަ އެއާ އެއްކޮށް ވަރަށް ރަނގަޅު ޙިޔާލުތައްވެސް އެބަލިބޭ. މީގެ އިތުުރުން މިފެށޭ ހަފްތާ ނިމޭ ހިސާބުގައި ޕޮޑްކާސްޓަށް ބަލާ މީހުންނަށް ފާޑުކިޔޭނެ ފަދަ އިންތިޒާމުތަކެއްވެސް ހަމަޖެހިގެން ދާނެ” ތަހުސީން ބުންޏެވެ.

އެންމެން ގޭމިންގް ފެއްޓިތާ އަދި އެންމެ ހަފްތާއެއް ވެފައިވާއިރު އެ ފަރާތުން ފާހަގަކުރި ގޮތުގައި އެ ފަރާތުން ބޭނުންވަނީ ރާއްޖޭގައި އެކަމުގައި ރާއްޖޭގައި ނަންހިނގާ ފަދަ ބަޔަކަށް ވެގެން ދިއުމެވެ. މީގެ އިތުރުން އެ ފަރާތުން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ގޭމު ކުޅޭ މީހުންގެ އަދަދު ގިނަ އިރު ގޭމާއި ގުޅުންހުރި އެއްވެސް ކަމެއްގައި ވާހަކަ ދައްކާލަން ނުވަތަ ހިޔާލެއް ބޭނުންވާނަމަ އެފަރާތުން އޮތީ ތައްޔާރަށެވެ.

ވަޒީފާގައި އުޅެމުން ލިބޭ ހުސްވަގުތުގައި އެންމެން ގޭމިންގްގެ ތިން ޒުވާނުން މި ފެއްޓި މަސައްކަތަށް އޭއޯ ނިއުސްގެ ފަރާތުން އެދެނީ އަބަދުވެސް ކާމިޔާބީއެވެ.