English Edition
Dhivehi Edition

މި މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީ މީދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކާއި ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމަތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކާއި ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 68 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި 15 ދުވަހުގެ މުއްދަތައް ބަންދުކޮށް ތަހުޤީގުކުރިއަށް ގެންދިއުމަށް އަންގާފައިވާކަމަށެވެ.

މި މައްސަލަ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގުކުރަމުންނެވެ.