English Edition
Dhivehi Edition
އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން މީދޫގައި މީގެ ކުރިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ފޮޓޯ ލުބްނާ އޭއޯ ނިއުސް

ބައިނަލް އަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން “ހަންހާރަ ހަވީރި” ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ހަރަކާތެއް އައްޑޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފަރާތުން އިސްނަގައިގެން އައްޑޫގެ އެކިއަވަށްތަކުގެ މީހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ފޭދޫ ފަތާޓްރެކް ސަރަހައްދު ކުރިމަތިން އޮންނަ ހުސްބިމުގައެވެ، އެގޮތުން ފޭދޫ ގެ ރައްޔިތުން ވަނީ ހަރަކާތް ބޭއްވުމަށް ކަނޑައެޅި ސަރަހައްދު ވިނަ ނޮޅައި ސާފު ކުރުމުގެ މަސައްކަތް ވެސް އިއްޔެ ކުރިއަށް ގެންގޮސްފައެވެ. މިމަސައްކަތަކީ ފޭދޫދާއިރާގެ ޑަބްލިޔުޑީސީ މެމްބަރު ޒާހިރާގެ އިސްނެގުމުގެ މަތިން ފޭދޫ ގެ ރައްޔިތުން ނިކުމެ ކޮށްފައިވާ މަސައްކަތެކެވެ.

މި ހަރަކާތާ ބެހޭ ގޮތުން މައުލޫމާތު ދެމުން ސްކީމް އިން ބުނީ ، މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަން ކުރުމާއި އެފަދަ މީހުންނަށް އުފާވެރި ހިތްހަމަ ޖެހޭ މާހައުލެއް ހޯދައި ދިނުން ކަމަށާއި ސްކީމުން އިސްނަގައިގެން މިހަރަކާތް އިންތިޒާމު ކުރި ކަމުގައި ވިޔަސް މިއީ އައްޑޫގެ ގިނަ ރައްޔިތުން ތަކަކާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ހަންހާރަ ހަވީރު” ގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންގެ މެޑިކަލް ޗެކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޭދޫ އެއިމްސް ކްލިނިކުންނެވެ. އަދި މި ހަވީރުގައި ބައިވެރިވާ ފަރާތްތަކަށް ސިއްހީ އިރުޝާދު ދިނުމުގެ މަސައްކަތް މަރަދޫ ހެލްތް ސެންޓަރ އާއި ގުޅިގެން ކުރިއަށް ގެންދާއިރު ހަވީރުގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންނަށް ސްކީމްގެ ފަރާތުން ހަދިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްކީމުން ނިންމާފައިވަނީ ، ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ ދަށުން. ސްކީމްގެ ރައީސާ ޝިމްލާ އަޙްމަދުގެ ނަމުގައި ފޭދޫގައި ހެދުމަށް ފަންޑު ލިބިފައިވާ “މާމަ ކާފަ ޕާކު” ގެ ބިންގާ އެދުވަހާއި ގުޅުވައިގެން އެޅުމަށެވެ. ނަމަވެސް ޕްރޮޕޯސަލް ގައި، ޕާކު ހަދަން ހަމަޖެހިފައިވާ ބިން އަދިވެސް ރަސްމީކޮށް ކައުންސިލުން ހަވާލުކޮށްފައި ނުވާތީ އެދުވަހު ބިންގާ އެޅޭނެކަން ކަށަވަރު ވެފައި ނުވާ ކަމަށް ސްކީމުން ބުނެއެވެ.

މި އަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ” 60 + ކައުންޓްސް” އެވެ.