English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދަށް، މިއަދު 17:10 އިން ފެށިގެން 22:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

އަދި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00އިން މާދަމާ ހެނދުނު 10:00އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަދި މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.