English Edition
Dhivehi Edition

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅިއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ ޕިކަޕު ބަލައި ފާސްކުރިއިރު 511 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ސެޕްޓެމްބަރ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.