English Edition
Dhivehi Edition

ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް19ގެ ބަލި މަޑުކަމުގެ ސަބަބުން ސިއްޙީ މާހިރުންގެ އިރުޝާދުގެ ދަށުން ގިނަ ބަޔަަކަށް އެންމެ އަމަލު ކުރަން ދަތިވި އެއްކަމަކީ ގޭގައި މަޑުކުރުމެވެ. އާންމު ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތުން ގޭގައި ހޭދަ ކުރާ ވަގުތު މަދުވެފައިވުމުން ގޭގައި މަޑުކޮށްލުން ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށްވެސް ފޫހި ކަމަކަށެވެ. އެއް ބަޔަކު އަބަދުވެސް ފާޑު ކިޔަމުން ދިޔަ ވަޒީފާ އަދާ ކުރަން ކޮންމެ ދުވަހަކު ދާ ދިއުން ހަނދާންވާން ފެއްޓި އިރު އަނެއް ބަޔަކު އެންމެ ހަނދާންވީ އާއިލީ ބައްދަލުވުންތަކާއި ރައްޓެހިންނާއި އެއްކޮށް ހޭދަކުރި މަޖާ ވަގުތު ތަކެވެ. ކުރާނެ ކަންތައް ގޭގެ ތެރެއިން ހުސްވެ އާ ކަންތައްތަކެއް ދަސްކުރަން މީހުން ފެއްޓިއެވެ.

އާ މަސައްކަތްތައް ކުރަން އެކި މީހުން ދިމާކޮށްލިއިރު އެންމެ ފޯރިއާއި އެއްކޮށް އެއްބަޔަކު ފެއްޓީ ގޯތި ތެރެ ޒީނަތްތެރި ކުރުމަށް ގަސް އިންދާށެވެ. ގޭގެ އެތެރޭގައި ހެއްދޭ ގަސްތަކާއި ގޯތި ތެރޭގައި ހެއްދޭ ގަސްތަކުގެ އިތުރުން ފެނުގައި ހެއްދޭ ގަސްތަކުން މުޅި ގެޔަށް ޒީނަތްތެރިކަން ގެނެސްދިނެވެ. ގަސްތަކުގެ ތެރެއިންވެސް އެންމެ ގިނަ މީހުންގެ ލޯތްބާއި ސަމާލުކަން ހޯދީ ބޯގަންވިލާ ގަހޭ ބުނެވިދާނެއެވެ. ތަފާތު ސަބަބުތަކާއި ހެދިއެވެ. އެއްބަޔަކު ގަސް އިންދުމަށް ކުރަންޖެހޭ ބުރަ މަސައްކަތް ދެކެ އިންތިހާ އަށް ގަޔާވިއެވެ، އަނެއް ބަޔަކު ގަހުގައި މާފޮޅިލައިފައި ހުންނަ ގޮތް ރީތިކަމުންނެވެ، އަނެއް ބަޔަކު ބޯގަންވިލާގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރުމުން އެކަމުގެ ސަބަބުންނެވެ.

ބޯގަންވިލާ އަކީ ހަގީގަތުގައި ހައްދަން ގިނަ ވަގުތު ތަކެއް ހޭދަވާ ވަރަށް އަޅާލުމާއި ލޯބި ބޭނުންވާ ގަހެކެވެ. ތިރީގައި މިވަނީ ބޯގަންވިލާ ގަސް ހެއްދުމަށް ފަސޭހަ ގޮތެކެވެ.

ގޮފި ކޮޅެއް ދިރުވުމަށްޓަކައި ކަންތައް ކުރާނެ ގޮތް:

ގަހުގެ ގޮފިކޮޅު ވާން ޖެހޭނީ 7 އިންޗި ވަރުގެ ގޮފި ކޮޅަކަށެވެ. ގޮފި ކޮޅު އިންދުމަށްޓަކައި ބޭނުން ކުރާނީ 1.5 ލީޓަރުގެ ހުސް ފުޅިއެކެވެ. ހުސް ފުޅި ދެބައި ވާ ގޮތަށް ބުރިކޮށްލުމަށްފަހު ފުޅީގެ ތިރީ ބައިގެ އެއްބަޔަށް ވާ ވަރަށް ރީތި ކަޅު ވެލި އަޅާށެވެ. އެއަށް ފަހުން ވެލި ގަނޑު ރަނގަޅަށް ތެތް ކޮށްލުމަށްފަހުން ގޮފި ކޮޅުގެ އެއް އިންޗި ވަރު ވެލިގަނޑު ތެރެއަށް ވަންނަ ގޮތަށް ގޮފި ކޮޅު އިންދާށެވެ. ދެން ފުޅީގެ ވަކި ކުރި ބައި ތިރީ ބަޔަށް ވައްދާ ބާރުކޮށްލާށެވެ. ފުޅީގެ މަތިގަނޑު ހުންނަން ޖެހޭނީ ބާރުކުރެވިފައެވެ. ފުޅި ބެހެއްޓިފައި ހުންނަން ޖެހޭނީ ސީދާ އަވި ނުލިބޭނެ ފަދަ ތަނެއްގައެވެ.

ފުޅި ތެރޭގައި ފޫސްމަ ހެދި ގަހަށް ފެން ލިއްބައިދޭނެ.

ފުރަތަމަ ގޮފި ކޮޅު އިންދި ދުވަހުން ފެށިގެން ގޮފިކޮޅުން ކުރި ފަޅަން ދެން ގަހަށް އެއްވެސް ގޮތަކަށް ފެންދީގެން ނުވާނެއެވެ. އެއީ ފުޅި ތެރޭގައި ހެދޭ ފޫސްމާގެ ސަބަބުން ގަހަށް ފެންލިއްބައިދޭނެތީއެވެ. ގަސް އިންދާ ދުވަހުން ފެށިގެން 15 ދުވަހާއި 20 ދުވަހާއި ދޭތެރޭ މުއްދަތެއްގައި ގޮފި ކޮޅު ދިރި ނަލަ ފަޅަން ފައްޓާނެއެވެ.

ގޮފިގައި އާކުރި ފަޅަން ފެއްޓުމުން ކަންތައް ކުރާނެ ގޮތް

ގޮފިކޮޅު ގައި އާ ކުރި ފަޅަން ފެއްޓުމުން ފުޅީގެ މަތިގަނޑު ނަގާފައި 4 ދުވަސް ވަންދެން ބަހައްޓާށެވެ. އޭރުން އެތެރޭގައި ހެދުނު ފޫސްމަ ބޭރުވާނެއެވެ. 4 ދުވަސް ވުމުން ފުޅީގެ މަތީބައި ނަގާފައި ކޮންމެ ދުވަހަކު 3 ގަޑިއިރު ވަރު ބަހައްޓާށެވެ، މިގޮތަށް 4 ދުވަސް ވަންދެން އަމަލު ކުރުމަށްފަހު ފުޅީގެ މަތީބައި އެއްކޮށް ނަގާލާފައި 4 ދުވަސްވަންދެން ބަހައްޓާށެވެ. މި ދުވަސްކޮޅު ކޮންމެ ދުވަހަކު އެއްފަހަރު ގޮފިކޮޅަށް ފެންދޭށެވެ. 4 ދުވަސް ވާއިރު ގޮފި ކޮޅު އިންނާނީ ވަށިގަނޑަށް ބަދަލުކުރަން ތައްޔާރުވެފައެވެ.

ގޮފި ކޮޅު ވަށިގަނޑަށް ބަދަލުކުރުން

ގޮފިކޮޅު އިންދާނެ ރަނގަޅު ސައިޒެއްގެ ވަށީގަނޑެއް ހޯދުން ވަރަށް މުހިއްމެވެ. އެންމެ ކުޑަވެގެން 5 ލީޓަރުގެ ފެންފުޅި ހުސްކުރި ފުޅި ބުރިއެއް ނުވަތަ އެ ސައިޒަށް ވުރެ ކުޑަ ނޫން އެއްޗެއް ރަނގަޅުވާނެއެވެ. ގަހަށް ފެންދޭ އިރު ވަށިގަނޑުން ވެލި ބޭރުވުން ހުއްޓުވުމަށް ވަށިގަނޑުގެ އެންމެ އަޑީގައި ތުނި ފޮތިކޮޅެއް އަޅާށެވެ. އެއަށް ފަހު ރީތި ކަޅުވެލި އަދި އެއްވެސް ކެމިކަލެއް އެކު ނުލެވޭ ގަސްކާނާ އެއްކުރުމަށްފަހު ވަށިގަނޑުގެ އެއްބަޔާއި ހަމަޔަށް އަޅާށެވެ. އެއަށް ފަހު ވެލިގަނޑު ރީތިކޮށް ފެނުން ފޯކޮށްލުމަށްފަހު އިންދި ގޮފިކޮޅު ވަށިގަނޑަށް ބަދަލުކުރާށެވެ. ވަށިގަނޑަށް ގޮފި ކޮޅު ބަދަލުކުރާއިރު ގޮފިކޮޅު އިން ފުޅި ބުރި ރީއްޗަށް ކަފާލުމަށްފަހު ވެލިކޮޅާއި އެއްކޮށް ބަދަލުކުރާށެވެ. ގޮފިކޮޅު ވަކިން ބަދަލުކޮށްފިނަމަ ގޮފިކޮޅު މަރުވުން ގާތެވެ. އަދި ގަހަށް ރީއްޗަށް އަވިލިބޭނެ ފަދަ ތަނެއްގައި ވަށިގަނޑު ބަހައްޓާށެވެ، ބޯގަންވިލާ ގަސް ވަށިގަނޑަށް ބަދަލު ކުރުމަށް ފަހު ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ގަހަށް ފެންދޭށެވެ.

އަވި ލިބުނު ވަރަކަށް ގަސް ގަދަޔަށް ހެދި މާފޮޅޭލެއް ގިނަވާނެ

ބޯގަންވިލާއަކީ އޭގެ ޒާތުގައި ހިކިފަސް ސަރަހައްދުގައި ހެދޭ އެއްޗެކެވެ. ގަހަށް އަވި ލިބުނު ވަރަކަށް ގަސް ގަދަޔަށް ހެދި މާފޮޅޭލެއް އިތުރުވާނެއެވެ، ގަދަޔަށް އަވި ލިބި ގަސް ބޮޑަށް ހެދެން ފެއްޓުމުން ދިގުކޮށް ހެދޭ ގޮފިތައް ގަހުގެ އެހެން ގޮފިތަކާއި އެއްކޮށް ރީއްޗަށް އޮޅާލާށެވެ، މިގޮތަށް ހެދުމުން ގަހުގެ ބޯމިން އިތުރުވާނެއެވެ. ރީއްޗަށް މާފޮޅިފައި ހުންނަ ގިނަ ގަސްތައް އެހާ ރީތިކަމަށް ދައްކަނީ މިގޮތަށް ހެދުމުންނެވެ. މީގެ އިތުރުން މިގޮތަށް ހެދުމުން ގަހުގައި އިތުރު ކުރި ފަޅައި ގަހަށް ތާޒާކަން ގެނެސްދޭނެއެވެ.

މާތަށް މޯޅިވުމުން ގަސް ކޮށާލުން ވަރަށް މުހިއްމު

ބޯގަންވިލާ އަކީ މުސްކުޅިވުން ވަރަށް ދުރު ގަހެކެވެ. އެހެން ނަމަވެސް ގަހުގައި މާފޮޅި މާތަށް މޯޅިވެ ފޭބުމުން ގަހުގެ ތާޒާކަން ގެއްލޭ ގޮތް ބައެއް ފަހަރު ދިމާވެއެވެ، ގަހުގެ ތާޒާކަން އަލުން ގެނައުމަށް ގަހުގެ ގޮފިތަށް ކޮށާލުމަށް އާދަކުރާށެވެ. މާ މޯޅިވެ ފޭބުމުން މާފޮޅުނު ގޮފިތައް ކޮށާލުމުން އެތަންތަނުން ތާޒާ ކުރިތައް ނިކުންނަން ފައްޓާނެއެވެ. މިގޮތަށް ނިކުންނަ ކުރިތައް ދިގުވުމުން އަނެއްކާވެސް ކުރިން އަމަލުކުރި ގޮތަށް ގަހުގެ އެހެން ގޮފިތަކާއި އެއްކޮށް އޮޅާލާށެވެ.

ބޯގަންވިލާ ގަދަޔަށް ހެއްދުމަށް ބޭނުން ކުރެވިދާނެ ބައެއް ބޭސްތައް:

ފެހި ކުލައިގެ އޮށް: ގަސް ގަދަޔަށް ހެއްދުމަށް

ނޫކުލަ އަދި ދަނބުކުލައިގެ އޮށް: ގަހުގައި މާ ފޮޅުވުމަށް ( ހުރިހާ ކުލައެއްގެ އޮށެއްވެސް އަޅާނީ ގަހުގެ ބުޑާއި ދުރަށެވެ)

ހަފްތާއަކު އެއް ފަހަރު އެއް ސަމުސާ ފުލޯރަލް ބޭސް 4 ލީޓަރު ފެނަށް ގިރުމަށް ފަހު ޖެހުން: ގަސް ގަދަޔަށް ހައްދާ މާފޮޅުވުމަށް.

ގަސް ކޮށާލާ ކޮންމެ ފަހަރަކު 3 ކުލައިގެ އޮށްތައް އެއްކޮށްފައި ގަހުގެ ކައިރިއަށް އަޅާލެވިދާނެ.

ބޯގަންވިލާ، ހަގީގަތުގައިވެސް ގޭގެ ޒީނަތްތެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދެއެވެ. ބޯގަންވިލާ އަކީ ހައްދަން އުނދަގޫވިއަސް ގަހުން ގެޔަށް ހިތްހަމަޖެހުން ލިއްބައިދޭ ގަހެކެވެ.