English Edition
Dhivehi Edition

ދެން ދުވަހަކު ވެސް ރާއްޖޭގެ ރައީސްކަން ބޭނުންނުވާ ކަމަށް އެމްޑީޕީ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ “ޚަބަރު ސިޓީ” ގައި ލިޔުއްވި ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް މިނިސްޓަރެއްގެ ވާހަކަ ދައްކަވަނީ ވެރިކަމުގައި އުންމީދެއްގައި ނޫން ކަމަށާއި، ބޮޑުވަޒީރުކަމަށް ވާން އެދޭނަމަ ފަހުން އެވާހަކަވެސް ދައްކަވާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ފާހަގަ ކުރަމުން އަންނަ މައިގަނޑު ދެ ކަމަކީ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށާއި އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ޖަލުތަކުގައި ކުރާ އަނިޔާ މަދުވެފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށް 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ގިނަ ސިފަތަކެއް ގެނެވުނު ނަމަވެސް، އެކަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތްކަމަށް ދެކެން މިއަދުވެސް ދަތިކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމަށް ޕާޓީގެ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާކަން ހާމަކުރަމުން ނަޝީދު ވިދާޅުވީ ސަރުކާރަށް ކުޑަ ވެސް ހީނަރު ކަމެއް އައުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ރައީސް ސޯލިހަށް ވެސް އެކަން އެނގިވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ. އަދި އެ ނިޒާމަކީ އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމެއްކަމަށް ނަޝީދުވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަމާޒު ނުގެއްލި ކުރިއަށް ދިއުމުން ކަމަށާއި، ބޭނުމަކީ ކޮންމެ މީހެއްގެ ވެސް ޖީބަށް ވަންނަ ވަރު އިތުރުވުން ކަމަށެވެ.