English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން އެ ކުންފުނީގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދުތަކަށް ބަދަލު ގެނެސްފިއެވެ.

ރާއްޖެއަށް ބޭރުގެ ފައިސާ ލިބުން ދަތިވެ ޑޮލަރުގެ އަގު ބްލެކްމާކެޓުގައި މަތިވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ހާމަ ކުރި ގޮތުގައި އެ ކުންފުނީގެ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުން މުޢާމަލާތްކުރެވޭނެ އަދަދު 250 ޑޮލަރަށް ވަނީ ކަނޑައަޅާފައެވެ. އަދި މި ބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި މި އަދަދުތައް ކަނޑައެޅިފައި ވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށްވެސް އެ ބޭންކުންވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބަދަލު ތަކުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު ދަށްވެ ޑޮލަރުގެ ލިކުއިޑިޓީއަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ވާ ގޮތުން ދާދި ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ހަމަައެކަނި ޒަރޫރީ ބޭނުންތަކަަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރުމަށް ނިންމާފައިވާ ނިންމުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ނިންމުމެއް ކަމުގައި ވީނަމަވެސް ޑޮލަރުގެ ލިކުއިޑިޓީ ދެމެހެއްޓުމަށްޓަކައި އެކުންފުންޏަށްވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.

ބީއެމްއެލްއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި މި ގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.. އެގޮތުން އެ ފަދަ ހިދުމަތްތަކަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް އެކުންފުނިންވަނީ އެދިފައެވެ.

ބީއެމްއެލް އިން ގެނައި ބަދަލާއު ގުޅިގެން އެ ބޭންކުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ %95 ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށްވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއްކަމަށާއި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.