English Edition
Dhivehi Edition
އިނގިރޭސި އެފްއޭކަޕް ތައްޓާއެކު އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން. --ފޮޓޯ: ގެޓީ އިމޭޖަސް

އާސެނަލްގެ ކެޕްޓަން އަދި ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން އެ ކްލަބުގައި އިތުރު ތިން އަހަރު މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފިއެވެ.

އާސެނަލްގެ އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އޮބާމަޔަން ބުނީ އޭނާ އެ ޓީމުގައި މަޑުކުރުމަށް ނިންމީ ކްލަބުގެ ލެޖެންޑަކަށްވާން ބޭނުންވާތީވެ ކަމަށާއި، އެ ކްލަބަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށެވެ.

މީގެކުރިން، އާސެނަލް އާއެކު އޮބާމަޔަން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، އެ ކްލަބާއެކު އެންމެ ފަހުން ހެދި އައު ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ އެފްއޭކަޕާއި، މި ފަހަރުގެ ސީޒަން ހުޅުވި މެޗުގައި ކޮމިއުނިޓީ ޝީލްޑް އާސެނަލް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި އޮބާމަޔަން ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ފޭވަރިޓަކަށްވެފައެވެ. މިއާއެކު، މި ފަހަރުގެ ސީޒަނާއި އާސެނަލް ކުރިމަތިލިއިރު، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ވެސް އޮބާމަޔަން މަޑުކުރުވުމެވެ.

އުމުރުން 31 އަހަރުގެ އޮބާމަޔަން، އާސެނަލްގައި މަޑުކުރަން ނިންމިއިރު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސްޕެއިނުގެ ބާސެލޯނާއިން އޭނާ ގެންދިއުމަށް މަސައްކަތްކޮށްފައިވާކަމަށާއި، މީގެއިތުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 2018 ވަނަ އަހަރުގައި 56 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް އާސެނަލަށް ބަދަލުވެ އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 111 މެޗުގައި 72 ލަނޑުޖަހައި، އިތުރު 15 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، އޭނާ ވަނީ 2018/19 ވަނަ އަހަރުގެ ސީޒަނުގެ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 22 ގޯލާއެކު ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭ އާއެކު އެ ފަހަރުގެ ރަންބޫޓް ހިއްސާކޮށްފައެވެ.