English Edition
Dhivehi Edition

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ދިރާގުން ސިއްހީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ހެލްތްކެއަރ އާއި ބެހޭގޮތުން އޮންލައިން ސެމިނަރ އެއް ބާއްވައިފިއެވެ.

ދިރާގު “އެއްވުން” ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ސެމިނަރ ކުރިއަށް ގެންގޮސްފައިވަނީ “ޕެރެޑައިމް ޝިފްޓް އިން ޑިޖިޓަލް ހެލްތު ކެއާ” ގެ ނަމުގައެވެ. ދިރާގުން ހާމަ ކުރި ގޮތުގައި މި ސެމިނަރ ގައި ވަނީ މިނިސްޓްރީ އޮފް ހެލްތް، ރާއްޖޭގެ ހޮސްޕިޓަލްތަކުން އަދި ކްލިނިކް ތަކުން ބޭފުޅުން ބައިވެރިވެފައެވެ.

މި ސެމިނަރގެ ކީނޯޓު ދެއްވީ 20 އަހަރު ދުވަހުގެ ޑިޖިޓަލް ހެލްތުގެ ދާއިރާއިން ތަޖުރިބާހުރި އަދި މިހާރު ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯގެ ސްމާރޓް ހެލްތް ލީޑަރޝިޕް ސެންޓަރުގެ ޗީފް ޑރ. އެޑަމް ޗީ އެވެ. ޑރ. ޗީގެ ކީނޯޓުގައި ވަނީ ޑިޖިޓަލް ހެލްތްކެއަރގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވައިފައެވެ، އެގޮތުން ޑިޖިޓަލް ހެލްތްކެއަރގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދި ބަލިމީހުންނަށް ލިބިދީފައިވާ ލުއިފަސޭހަ ތަކަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ. މީގެ އިތުރުން އެ ބޭފުޅާ ވަނީ ކޮވިޑް19 ގެ ކުރިން އަދި މިހާރުވެސް ޑިޖިޓަލް ހެލްތް މެދުވެރިކޮށް ސިއްހީ ދާއިރާގައި ކޮށްފައިވާ ބައެއް ކަންތަކުގެ މައުލޫމާތު ސެމިނަރގެ ބައިވެރިންނަށް ދެއްވައިފައެވެ.

މި ސެމިނަރގައި ދިރާގުން ވަނީ “މަގޭ މެމޯ” ގެ ނަމުގައި ސިއްހީ ދާއިރާއަށް ހާއްސަ އެޕްލިކޭޝަން އެއް ނެރެފައެވެ. ދިރާގުން ހާމަ ކުރި ގޮތުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރުންގެ ޑިއުޓީ ބެލޭނެ ގޮތާއި އެޕޮއިންޓްމެންޓުތައް ހެއްދުމާއި ޑޮކްޓަރަށް ދެއްކުމާއި ބޭސްފަރުވާއަށް އަރާނެ ހަރަދު ބެލުން އަދިވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިރާގުން ހާމަ ކުރި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ދިރާގުގެ ކަސްޓަމަރުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ދިރާގުން “ނިއު ނޯމަލް”ގައި ޑިޖިޓަލް އެކި ޕްލެޓްފޯމް ތަކެއް ގާއިމު ކުރެވިގެންދާނެކަމަށްވެސް ދިރާގުން ވަނީ ހާމަކޮށްފައެވެ.