“ކިންގް ހަމަދު ޔޫތު އެމްޕަވަރމަންޓް އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ތިންވަނަ “ކިންގް ހަމަދު ޔޫތު އެމްޕަވަރމަންޓް އެވޯޑް ޓު އެޗީޗް އެސްޑީޖީސް” އަށް ކުރިމަތުލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މި އަހަރުގެ އެވޯޑް ޚާއްސަ ކުރެވިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޒުވާނުންނާއި، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތައް:
– ޕީޕަލް (އިންސާނުން): ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން.
– ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ޤުދުރަތީގެ ވެށީގެ މުއްސަނދިކަން.
– ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުން.
– ޕީސް (އަމާންކަން): މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.
– ޕާޓްނާޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.
– އިންސްޓިޓިއުޝަނަލް (ރަސްމީ): ޤާނޫނާއި ޤަވާއިދުތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުން.
– ފައިނޭންޝިއަލް (މާލީ): ކާމިޔާބުކަމާއެކު އަލަށް ވިޔަފާރި ނުވަތަ އެނޫންވެސް ދާއިރާއަކުން ކުރިއަށްދިޔުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއެކު އެކަމުގެ މަގުފަހިކޮށްދިނުން.
– ޓެކްނިކަލް (ފަންނީ): ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
އެހެންކަމުން އެ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކުން އައިޑީ ކާދުގެ ކޮޕީ އާއި ސީވީ އަދި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލާއި ކުރެވިފައިވާ މަސައްކަތްތަކުގެ ހެއްކާއެކު 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.