އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަހުގެ 10 ވަނަ ދުވަހު ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ ދަށުން 8103 އަކަ މީޓަރު ސަރަހައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ޕޭވްމަންޓް ހަދައި ނިމިފައިވާކަމށް އެމްޓީސީސީ އިންވަނީ ބުނެފައެވެ.
ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު 10 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން 8103 އަކަ މީޓަރު ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި ނިންމާފައިވެއެވެ. pic.twitter.com/O2QXv8Pjap
— MTCC Plc (@MTCCPlc) September 14, 2020
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމަލް އަގަކީ 2.49 މިލިޔަން ރުފިޔާއެވެ.މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކުރުމާއި ކޮނުމުގެ އިތުރުން ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެވެ.
މި މަޝްރޫޢުގައި ސޮއިކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.