English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7،055 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 77.94% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 9،052 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 1،960 މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 129،055 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 908 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 116 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 32 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެހިންނާއި ހަތް ބިދޭސީންނެވެ.