English Edition
Dhivehi Edition

ގައުމީ ސަލާމަތަށް އެންމެ މުހިއްމު ކަމަކީ ހަރުދަނާ ހާރިޖީ ސިޔާސަތެއް ކަމަށާއި ސިޔާސީ ބޭނުމަކަށް ޓަކައި ސަރަހައްދީ ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީ މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕޭނެއް ފަށައި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގިނަ ބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގައެވެ.

އިބްރާހީމް ދީދީ ރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިފައިން ތަމްރީން ކުރުމަށް މީގެ އެތައް އަހަރެއް ކުރިންވެސް، އެކި ފަހަރު މަތިން ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި އެއީ ރާއްޖޭގެ މިނިވަން ކަން ގެއްލިގެންދާނެ ކަމެއްނޫނަކަމަށެވެ. މީގެ ކުރިން ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ދުވަސްވަރުގެ ފޮޓޯތައް ހިއްސާކުރައްވަމުން އިބްރާހީމް ދީދީ ވިދާޅުވީކުރިން ވެސް އިންޑިއާއާއި ރަޝިއާއި އިރާގް އަދި ލީބިޔާ ފަދަ ގައުމުތަކުގެ ސިފައިން ތަމްރީނަށް ރާއްޖޭގައި ތިބިކަމަށެވެ،

އިތުރަށް އިބްރާހީމް ދީދީ ވިދާޅުވީ މި ޒަމާނުގައި ގައުމުތަކުގެ ސިޔާސީ މިނިވަންކަން އެއީ އެހާ ފަސޭހައިން ގެއްލޭ އެއްޗެއް ނޫންކަމަށާއި ސިޔާސީ ފައިދާއަށް އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރަހައްދީ ގައުމުތައް ޖައްސަން މަސައްކަތް ކުރުމަކީ ގައުމަށް މާ ނުކުރައްވާ، ގައުމުގެ ސަލާމަތަށް މާ ނުރައްކާ ކަމައްކަމަށެވެ.