English Edition
Dhivehi Edition

“ކަލޭގެފާނު ވިދާޅުވާށެވެ! الله އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ.” (ސޫރަތުއް ތައުބާގެ 51ވަނަ އާޔަތުގެ މާނަ)

މަތީގައި އެވާ ޤުރުއާނުގެ އާޔަތުގެ މާނަ ކިޔާލުމުން ހިތަށް ގެނެވުނު ދެތިން ކަމެއް ހިއްސާ ކޮށްލާނަމެވެ. ފެތުރެމުން މިދާ ކޮވިޑް19ގެ ބަލި މަޑުކަމުގެ ތެރޭ ހާދަހާ ބައެއްގެ ބޮލުގައި އަހަރުމެން ނުޙައްޤު އިލްޒާމުތައް އަޅުވައިފިއެވެ. މި ބަލި މަޑު ކަމުގެ ތެރޭގައި ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ މީހުންނަށް ހާދަހާ މަލާމާތަކާ ފުރައްސާރައެއް ކުރެވިއްޖެއެވެ. ބަލި ތަޙައްމަލު ކޮށްފައިވާ މީހުން އަދި ކުރަމުންދާ މީހުންނާއި މެދު ހާދަހާ ޒާތް ޒާތުގެ ވާހަކަތަކެއް ދެކެވިއްޖެއެވެ. ގަސްތުގައި ބައްޔެއް ޖެހުމަކަަށް އަދި ބައްޔެއް ފެތުރުމަކަށް އެއްވެސް އިންސާނަކު ބޭނުން ވާނޭއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.

ކޮވިޑް19ގެ ބަލިމަޑުކަން މުޅި މާލެ ތެރެއަށް ފެތުރި، އޭގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުވެފައިވަނިކޮށް ފުވައްމުލައްސިޓީގެ ރައްޔިތުން ސިއްސުވާލި ޚަބަރަކީ އެ ސިޓީން ފުރަތަމަ ފަހަރަށް ޕޮޒިޓިވް ކޭސް އެއް ފެނުމެވެ. ގެއަށް ވަދެ އެއްބަޔަކު އަމިއްލައަށް ގޭގައި މަޑުކޮށްލަން ނިންމި އިރު އަނެއް ބަޔަކު އިސްވެގަތީ ބަލި ޖެހުނީ ކާކަށްތޯ ބެލުމަށެވެ. ހަގީގަތުގައިވެސް ރައްޔިތުން ވަރަށް ކަންބޮޑުވިއެވެ. އެކި ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވުނެވެ. އެއް ޕޯސްޓުގައި ބަލި ޖެހުނު މީހާގެ 2 ދަރިން ތިބިނަމަ އަނެއް ޕޯސްުޓުގައި 4 ދަރިން ތިބި ކަމަށް ބުނެފައިވެއެވެ. ބަލި ޖެހުނު މީހާ ރަށަށް ބަލި ގެނައީ ކަމަށް ބުނެ އަނެކާއާއި މެދު ވިސްނާލުމެއް ނެތި ހިތުހުރި އެއްޗެއް ގޮވިއެވެ.

ތިރީގައި މިވަނީ ފުވައްމުލަކުން ފުރަތަމަ ކޮވިޑް19އަށް ފައްސިވި އަންހެން މީހާ، އާމިނަތު ނާދިޔާ (އަސްލު ނަމެއް ނޫން) އާއި ނާދޔާގެ ފިރިމީހާ، މުހައްމަދު އަސްލަމް (އަސްލު ނަމެއް ނޫން) އޭއޯ ނިއުސް އަށް ދީފައިވާ ހާއްސަ އިންޓަވިއު އެކެވެ.

ދިރިއުޅެމުން އައީ އިންޑިއާގައި، ރާއްޖެ އައީ އިންޑިއާގައި ބަލި ފެތުރުން އިތުރުވުމުން

ނާދިޔާ ފާހަގަ ކުރި ގޮތުގައި ނާދިޔާ ދިރިއުޅެމުން އައީ އާއިލާ އާއި އެކު އިންޑިއާގައެވެ. އިންޑިއާ ދޫކޮށް ރާއްޖެ އައީ ކޮވިޑް19 ގެ ބިރުވެރިކަން އެ ގައުމުގައި އިންތިހާއަށް ބޮޑުވެ ބަލި ފެތުރުން އާންމުވުމުން މި އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ. އިންޑިއާއިން ރާއްޖެ އައުމަށް ފަހު އޮޅުވެލި އައިލެންޑް ރިސޯޓުގައި ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށް ނާދިޔާގެ އާއިލާ މާލެ އައީ އެ މަހުގެ 24 ވަނަ ދުވަހުގައެވެ. އޭރު މުޅި މާލެ ލޮކްޑައުން ކޮށްފައިވުމުން ރަށަށް އާދެވޭނެ ގޮތެއް ނެތުމުން އެމީހުން އުޅެމުން އައީ މާލޭގައެވެ. މާލެ ސަރަހައްދުގެ ފުރަބަންދު ދުވަސްވަރު ކަމުން ނާދިޔާ ބުނި ގޮތުގައި މާލޭގައި އުޅުނު އިރުވެސް އެއްވެސް ވަރަކަށް ގެއިން ބޭރަކަށް އޭނާ އެއް ނުދެއެވެ.

ރަށުން ބައްޔަށް މީހަކު ފައްސިވި ކަން އެނގުނީ އޮންލައިން ނޫހަކުން

ނާދިޔާއާއި ނާދިޔާގެ ދަރިފުޅާއި އޭނާގެ މަންމަ ރަށަށް އައިސްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގައެވެ. ނާދިޔާ ބުނި ގޮތުގައި ބަލި މަޑުކަމުގެ ތެރޭގައި އުޅެފައި ބަލި ނެތް ހިސާބަކަށް އަދި އަމިއްލަ އުފަން ރަށަށް އާދެވުނީތީ ވަރަށް އުފާވިއެވެ. އައި ދުވަހުން ފެށިގެން ކަރަންޓީން ފެއްޓިއެވެ. ނަމަވެސް ނާދިޔާ ރަށަށް އައިތަނާ 2 ދުވަސް ފަހުން ނާދިޔާގެ ކޮއްކޮ ރަށަށް އައުމާއި ގުޅިގެން ކަރަންޓީނުގެ މުއްދަތު އަލުން ފެއްޓީ ކޮއްކޮ އައި ދުވަހުން ފެށިގެންނެވެ. ކަރަންޓީނުގައި ނާދިޔާ އުޅެމުން އައީ ނާދިޔާގެ މަންމަ އާއި ދަރިފުޅު އަދި ކޮއްކޮ އާއި އެކުގައެވެ. ނާދިޔާ ބުނި ގޮތުގައި ނާދިޔާ ގޭގެ ކަރަންޓީނުގައި ހުރި މުއްދަތުގައި ގޭގެ ދޮރުމައްޗަށް މަދު މަދުން ނިކުމެ އުޅުނެވެ. ނަމަވެސް އެއީ ހުއްދަ އާއި ލަފާ ހޯދަން ޖެހޭ އިދާރާތަކުގެ އިރުޝާދުގެ ދަށުންނެވެ. އޮގަސްޓު މަހުގެ 3 ވަނަ ދުވަހު ކަރަންޓީނުގެ މުއްދަތު ނިމި ނާދިޔާއާއި އާއިލާ ޓެސްޓު ހެދުމަށް ސާމްޕަލް ނަގައިފައިވަނީ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގައެވެ. ނާދިޔާގެ ފިރިމީހާ، އަސްލަމް ބުނިގޮތުގައި ނާދިޔާގެ ސާމްޕަލް ގެ ނަތީޖާއެއް ނުލިބި ހުއްޓާ ފުރަތަމަ ރަށުން މީހަކު ފައްސިވި ކަން އެނގުނީ އޮންލައިން ނޫހެއްގައި އެވާހަކަ ލިޔެފައިވަނިކޮށެވެ. އޭރަކު އެއީ ނާދިޔާ ކަމެއް އެއްވެސް އިދާރާއަކުން އަންގާފައެއް ނުވެއެވެ.

ފައްސިވިކަން އެންގީ ގުޅާފައި، ގަބޫލުކުރަން ދަތިވި

ނާދިޔާ ހާމަ ކުރި ގޮތުގައި އޮންލައިން ނޫހަކުން ރަށުގައި މީހަކު ޕޮޒިޓިވްވެފައިވާކަން އެނގިފައި ވަނިކޮށް ނާދިޔާ ފައްސިވިކަން ފޯންކޯލަކުން އެންގިއެވެ. އެވަގުތު އެވާހަކަ ގަބޫލު ކުރަން ދަތިވި ކަމަށާއި ހިތަށް ވަރަށް އަސަރު ކުރި ކަމަށްވެސް ނާދިޔާ ވަނީ ބުނެފައެވެ. ގުޅި އިދާރާއިން، ނާދިޔާ އެކަހެރި ކުރުމުގެ މަސައްކަތް ފަށަން އުޅޭކަމާއި އެ އިދާރާގެ މުވައްޒަފުން ނާދިޔާ ބަލާ ދާނެ ވާހަކަ ބުނުމުން ފުވައްމުލަކަށްތޯ އޭނާ އަހާލިއެވެ. އެ ގުޅި އިދާރާއިން ބުނީ ނާދިޔާ ހުރީ މާލޭގައި ކަމަށް ހީކުރެވުނު ކަމަށާއި އެއީ ނުބައި މައުލޫމާތެއްކަމަށް ބަލާ ސައްޙަ މަޢުލޫމާތު ހޯދުމަށްފަހު އަލުން ގުޅާނެ ކަމަށެވެ. އޭގެ ފަހުން މިއަދާ ޖެހެންދެން ވެސް ގުޅާފައި ނުވާކަން ނާދިޔާ ފާހަގަ ކުރިއެވެ. އެހާ ހިސާބުން އަސްލަމް، ކަމާބެހޭ އިދާރާތަކަށް ގުޅައިގެން ދެވަނަ ފަހަރަށް ޓެސްޓު ހައްދަން އެދުނު ކަމަށާއި އެ ޓެސްޓުން ފައްސިވެއްޖެނަމަ ނާދިޔާ އެކަހެރި ކުރަން ތައްޔާރަށް ހުރިކަމަށް އަސްލަމް ވަނީ ބުނެފައެވެ. އަދި ދެވަނަ ޓެސްޓެއްގެ ނަތީޖާ ލިބެންދެން ނާދިޔާ ގޭގައި އެކަހެރިވެގެން ހުންނާނެ ކަމުގެ ޔަޤީންކަން ވެސް އެރުވިއެވެ.

އެއްވެސް އަލާމާތެއް ނުފެނޭ، ކައިރީގައި އެއްކޮށް އުޅުނު އެއްވެސް މީހެއް ފައްސި ނުވޭ

ނާދިޔާ ހާމަކުރި ގޮތުގައި އިންޑިއާއިން އައި ފަހުން ނާދިޔާ އުޅެމުން އައީ ނާދިޔާގެ މަންމަ އާއި އެއްކޮށް އެއް ކޮޓަރިއެއްގައެވެ. ނާދިޔާގެ ފިރިމީހާ ފާހަގަ ކުރި ގޮތުގައި ނާދިޔާގެ މަންމަ އަކީ އެކި ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހެކެވެ. އެގޮތުން ދިގު މުއްދަތަށް ކާން ޖެހޭ ބެސްތަކެއް މިހާރުވެސް އޭނާ އަންނަނީ ކަމުންނެވެ. ނާދިޔާއަކީވެސް ފަސޭހައިން ރޯގާ ޖެހި ނޭވާ ހިއްލުން ފަދަ ކަންތައް ދިމާވާ މީހެއް ކަމަށް އަސްލަމް ފާހަގަކުރިއެވެ. ނާދިޔާ އާއި ނާދިޔާގެ މަންމަ އޮޅުވެލި އައިލެންޑް ރިސޯޓުގެ ކަރަންޓީނުން ފެށިގެން އުޅެމުން އައީ އެއް ކޮޓަރިއެއްގައެވެ. ނާދިޔާ ބުނިގޮތުގައި ހައި ރިސްކު މީހަކާއި އެއްކޮށް މުޅިން އުޅެމުން އައި އިރު އެއިން މީހެއް ބައްޔަށް ފައްސި ނުވެ އަދި ނާދިޔާގެ ކިބައިން ބަލީގެ އަލާމާތެއްވެސް ފެނިފައި ނުވުމުގެ ސަބަބުން ބަލި ޖެހުނު ކަން ގަބޫލު ކުރަން އޭނާ އަދިވެސް ބޭނުމެއް ނުވެއެވެ.

އަމާޒުވި ބަސްތަކުން ގިސްލާ ރުއިން، ބޭނުންވީ އުފަން ރަށް ދޫކޮށް ދާން

ނާދިޔާ ބުނި ގޮތުގައި ރަށުން މީހަކު ފައްސިވިކަން އެނގި މާގިނަ އިރު ތަކެއް ނުވަނީސް ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަތައް އެކި ގޮތް ގޮތަށް ދެކެވި ފޮޓޯތައް ދައުރުވާން ފެށި ކަމަށެވެ. އެގޮތުން ދޮގު ހަބަރުތައް ފެތުރި މުޅި ރަށަށް އޭނާ ބޭޒާރު ކޮށްލިއެވެ. ދުވަހަކުވެސް ދިމާނުވާ އަދި ގުޅުމެއް ނެތް މީހުންވެސް އޭނާގެ ޒާތީ މައުލޫމާތުކަމަށް ބުނެ އެ ހިއްސާ ކޮށްފައިވެއެވެ. ނާދިޔާ ބުނި ގޮތުގައި އެންމެ ދެރަވީ އޭނާ އަށާއި މުޅި އާއިލާއަށް އެފަދަ ދެރައެއް ލިބުނު ވަގުތު އުފަން ރަށުގެ ރައްޔިތުން އޭނާ އާއި އާއިލާގެ ނަން ކިލަނބުކޮށްލަން ކުރި މަސައްކަތުންނެވެ. ކަރަންޓީނުގައި އެކަނި އިންއިރު އެ ހުރިހާ ކަމަކަށް ވިސްނާފައި ގިސްލާ ރުއި ކަމަށާއި ބޭނުންވީ އަމިއްލަ ރަށް ދޫކޮށް ފުރައިގެން ދާން ކަމަށްވެސް އޭނާވަނީ ބުނެފައެވެ. މީގެ އިތުރުން ނާދިޔާ ބުނި ގޮތުގައި އޭނާ ކަރަންޓީނުކޮށް ގޭގައި ބަހައްޓައިފައި ހުރުމުން އެކަމާއި އިދާރާތަކަށް މީހުން ޝަކުވާ ހުށައެޅި ކަމަށާއި ގޭގައި އުޅޭތޯ ބެލުމަށް މީހުން ފާރަވެސްލިއެވެ. އަދި ރަށަށް ކޮވިޑް ގެނައީ ކަމަށާއި ކަރަންޓީނު ގަވައިދަށް ހުރުމަތްތެރި ނުވެ ރަށު ތެރޭގައި ބަލި ފަތުރަން އުޅުނު ކަމުގެ ތުހުމަތުތައްވެސް ނާދިޔާއާއި މެދު އާންމުން ވަނީ ކޮށްފައެވެ.

ރަށު ތެރޭގައި އުފެދުނު ބިރުވެރިކަމާއި މެދު ދެރަވަން

ނާދިޔާ ފައްސިވުމާއި ގުޅިގެން ފުވައްމުލަކުގައި ތަފާތު ވާހަކަތައް ފެތުރިގެން ދިޔައިރު އެންމެ ބޮޑަށް ފެތުރުނީ ނާދިޔާ އެކި އެއްވުން ތަކުގައި ބައިވެރިވެފައިވާ ވާހަކަތަކެވެ. އެގޮތުން އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ވާހަކަތަކާއި ކުޅިވަރު ކުޅޭ ތަންތަނުން އޭނާ ފެނުނު ވާހަކަތައް ވަރަށް ބޮޑަށް ދެކެވުނެވެ. ނާދިޔާ ބުނި ގޮތުގައި ނާދިޔާ އާއި ގުޅިގެން މިފަދަ ވާހަކަތައް ފެތުރުމުން ރަށުގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފެދުނު ކަމަށާއި އެކަމުގެ ޒިންމާ އެވާހަކަތައް ދެއްކި ފަރާތްތަކުން ނަގަން ޖެހޭނެއެވެ. ނާދިޔާ ފާހަގަކުރި ގޮތުގައި ނާދިޔާ އިދާރާތަކުން ދިން ހުރިހާ އިރުޝާދު ތަކަކަށް ބޯލެނބިއެވެ، އެގޮތުން އެއްވެސް ވަރަކަށް ގެއިން ބޭރަށް ގޮސްފައި ނުވާނެ ކަމަށް ނާދިޔާ ފާހަގަ ކުރިއެވެ.

ނާދިޔާގެ ނަން ކިލަނބުވުމުގެ ޒިންމާ ނަގަން ޖެހޭނީ އިދާރާތަކުން

ނާދިޔާ ބުނި ގޮތުގައި ނާދިޔާގެ ނަން ކިލަނބުވެ ނާދިޔާއަށް އަމާޒުވި ބަސްތަކުގެ ޒިންމާ ނަގަން ޖެހޭނީ ކަމާބެހޭ އިދާރާތަކުންނެވެ. އެގޮތުން ނާދިޔާ ބައްޔަށް ފައްސިވިކަން ރަށު ތެރެއަށް އެހާ ފަސޭހައިން ލީކު ވުމުގެ އަޑީގައި އިދާރާތަކުގެ ބަލިކަށިކަން ވާކަމަށް ނާދިޔާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ނާދިޔާގެ ބަލީގެ ސިއްރު ހިފަހައްޓަން ޖެހޭ އިދާރާތަކުން އެ ސިއްރު ހިފެހެއްޓި ނަމަ ނާދިޔާގެ ނަން އާންމުންނަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ނާދިޔާ ވަނީ ބުނެފައެވެ. އާއިލާގެ ފަރާތުން އަމާޒުވި ފާޑުކިޔުން ތަކަށް ރައްދު ދޭން ފެއްޓީ ރަށު ތެރެއަށް ނާދިޔާގެ ފޮޓޯއާއި ގެ ހުންނަ ތަނާއި ހުރިހާ މައުލޫމާތެއް އާންމުވި ފަހުން ކަމަށްވެސް ނާދިޔާ ވަނީ ބުނެފައެވެ.

އެންމެ ނިކަމެތިވި ދުވަހު ބަލަދުވެރި އިދާރާތަކުން އަޅާނުލި

ނާދިޔާ ހިތްދަތިކަމުން ފުރިގެން ހުރެ ފާހަގަ ކުރި ގޮތުގައި ހަޔާތުގައި އެންމެ ނިކަމެތިކަން އިހުސާސު ކުރަން ޖެހުނު ދުވަސްކޮޅަކީ އާންމުންގެ ފަރާތުން އެ ބަދު ބަސްތައް ލިބެމުން އައި ދުވަސްވަރެވެ. ދިވެހި ދަރިއަކާއި މެދު އެފަދަ ބަދު ބަސްތައް ބުނެ އެއްވެސް ކުށެއް ނެތި މުޅި ސޯޝަލް މީޑިއާގައި ބަދުނާމު ވިއިރު އެއްވެސް އިދާރާއަކުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. އާއިލާއިން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ދިޔައިރު އެމީހުންނާއި މެދުވެސް އާންމުން ކަންތައް ކުރަމުން އައީ ހިތްދަތި ގޮތްތަކަށެވެ. ވުޒާރާތަކުން އެކަމާއި އެއްވެސް ވަރަކަށް އަޅާލައިފައިނުވުމުން އެކަމާއި ވަރަށް ދެރަވި ކަމަށްވެސް ނާދިޔާ ވަނީ ބުނެފައެވެ.

އެއްވެސް އިންސާނަކަށް އެފަދަ ދުވަހެއް ދައްކަވަން ނޭދެން

ނާދިޔާ މުޅި އިންޓަވިއުގައި ވެސް ބުނަމުން އައީ ކުރެވުނު އިހުސާސްތައް ދުލުން ބަޔާންކުރަން ދަތި ވާހަކައެވެ. ސުވާލު ކުރުމުން ޖަވާބުދޭން ބައެއް ފަހަރު ގިނަ ވަގުތެއް ނެގިއެވެ. ހަގީގަތުގައިވެސް ކަމުގައި ހުރި ހިތްދަތިކަމާއި ފުން އަސަރުގެ ސަބަބުންނެވެ. ނާދިޔާ ބުނިގޮތުގައި އެފަދަ ދުވަހެއް އެހެން އެއްވެސް އިންސާނަކަށް ދައްކަވަން އޭނާ ނޭދެއެވެ. ކޮޓަރި އެއް ތެރޭ އެކަނި އޮންނަން ޖެހުނު އިރު އާއިލާ އާއި ގާތް ރައްޓެހިން ފިޔަވާ އެއްޗެއް ބުނި ކޮންމެ މީހަކު ބުނެފައިވަނީ ބަދު ބަހެވެ. އަދިވެސް އެކި ވާހަކަތައް ފެތުރި މީހުންގެ ނަންތަކާއި ފެތުރި ހަޑި ވާހަކަތައް އޭނާގެ ހިތުގައި އެބަހުއްޓެވެ. ނާދިޔާ ބުނި ގޮތުގައި ބަލި ޖައްސަވަނީވެސް ޝިފާ ދެއްވަނީ ވެސް ވަކި ފަރާތަކުންނެވެ. އެކަމުގައި އިންސާނާގެ އެއްވެސް އިޙުތިޔާރެއްނުވެއެވެ. ވީއިރު އެންމެން ވެސް އެކަން ދަންނަން ޖެހެއެވެ.

ބައްޔެއް ޖެހުމުން ހަގީގަތުގައިވެސް އެންމެންވެސް އެކަކު އަނެކަކުގެ ލޯތްބާއި އަޅާލުން ބޭނުންވެއެވެ. ވީއިރު ކޮވިޑް19 ފަދަ ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި އުޅޭއިރު އެންމެންވެސް އެކަކު އަނެކަކަށް އަޅާލާ ކަމޭހިތާ ބަޔަކަށް ވަމާތޯއެވެ. ބަލި ތަޙައްމަލުކުރާ މީހުންނަށް ހިތްވަރު ދޭ ބަޔަކަށް ވަމާތޯއެވެ. އަދި ސޯޝަލް މީޑިއާގައި ބައްޔާއި ދެކޮޅަށް ތަފާތު ވާހަކަތައް ލިޔުމަކުން ނުނިމެއެވެ. ކޮވިޑް19 ހުއްޓުވުމުގައި އަދާ ކުރާ ފަރުދީ ޒިންމާގެ ތެރެއަށް ސާފު ހިތަކުން އެކަކު އަނެކަކާއި މެދު ދެކުންވެސް އިތުރުކޮށްލަމާތޯއެވެ. މާތްﷲ އަޅަމެން މި ބަލި މަޑުކަމުން ސަލާމަތްކުރައްވާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވާށިއެވެ! އަޅަމެންނީ އެކަކު އަނެކަކަށް އަޅާލާ ހިތްތިރި ބައެއްކަމުގައި ލައްވާށިއެވެ. އާމީން.