English Edition
Dhivehi Edition
31 ސޯގަސްޓް 2020: ފުލުހުންގެ ޚިދުމަތާ އަލަށް ފުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޕޮލިސް ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަޤާމަށް 30 މީހަކު ހޯދަން ވަނީ އިޢުލާންކޮށްފައެވެ.

ފުލުހުންގެ ޕޮލިސް ކޮންސްޓަބަލް އަކަށް މުސާރައިގެ ގޮތުގައި މަހަކު 4،650 ރުފިޔާ ލިބޭއިރު، ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ (1،860ރ.) އަދި ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ) އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވެފައިވާ ފަރާތެއް ކަމުގައި ވުމާއި، މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމުގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓު 1 އިންޗި އަށް ވުރެ ކުރުނުވުން އަދި އަންހެނެއް ނަމަ އިސްކޮޅުގައި 4 ފޫޓު 8 އިންޗިއަށްވުރެ ކުރުވެގެން ނުވުން ހިމެނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ އެ މަޤަމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ އިދާރާއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 15 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް މެއިލްކުރުން ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 15:00 ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

1 ކޮމެންޓް
Aishath thuhufa
ސެޕްޓެމްބަރު 10, 2020
What I have to do if I like to join this job