English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އޭއޯ ނިއުސް ގުޅިގެން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުން ހޯދި އެއްވަނަ އާއެކު ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ޏ.ފުވައްމުލައް ފުނާޑު ފުނަމާގެ، އިބްރާހިމް އަލީފް އަށް ދީފިއެވެ.

މި ދާއިރާގައި މީގެ ކުރިން ވެސް މަސައްކަތް ކޮށް ދާއިރާއިން ތަޖުރިބާ ހޯދާފައިވާ އަލީފަށް ވަނީ މި ކޯހުން ލިބުނު ވަނަ އާއެކު އިންޑިއާގެ ދިއްލީގައި ޖާނަލިޒަމް އިން ޑިޕްލޮމާ ކޯހެއްގައި ބައިވެރިވުމަށް ފުރުސަތު ހޯދާދީފައެވެ. މީގެ އިތުރުން އޭއޯ ގެ ފުވައްމުލައް ބިއުރޯގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް އޭއޯ އިން ވަނީ އަލީފަށް ދީފައެވެ.

ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 30 ގެ ނިޔަލަަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ޖާނަލިޒަމް ކޯހުގައި 18 ފަރާތަކުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ދަރިވަރުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާގައި އަމަލީ މަސައްކަތް ކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ދަރިވަރުންނަށް އޭއޯ އިން ވަނީ އެ ފުރުސަތު ހޯދާދީފައެވެ. އަދި އެ ދަރިވަރުންނާއެކު ފުވައްމުލަކުގައި އޭއޯ ޗެނަލްގެ މަސައްކަތް ފަށައި ފުވައްމުލަކު ބަހުރުވައި ޚަބަރު ކިޔުމާއި ޕްރޮގްރާމު ހުށަހެޅުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ.

އޭއޯ ނިއުސް އިން މީގެ ކުރިންވެސް އައްޑޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގްރާމު ތަކެއް ހިންގާ ގިނަ ޒުވާނުންތަކެއް މިދާއިރާއަށް ނެރެދީފައިވާއިރު މިއީ އޭއޯ އިން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮގްރާމެވެ.