English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވަބާ ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ފެތުރެމުންދާ ކަމަށައި، އެ ބައްޔަށް ފައްސިވަމުން ދާ ފަރާތްތައް، އައްޑޫ ސިޓީ އިން މަދުންނަމަވެސް މިހާރު ވަނީ ފެންނަން ފަށާފައި ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަން އައްޑޫ ސިޓީ އަށް އިތުރަށް ފެތުރިގެން ނުދާނެ ގޮތަކަށް ޢާއްމު ދިރިއުޅުމުގައި ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމާއިއެކު، ހުރިހާ ރައްޔިތުން ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިއްބެވުމަކީ، މި ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޅޭނެ މައިގަނޑު ފިޔަވަޅެއް ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން، ފޭސް މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި ސެނިޓައިޒަރ ބޭނުން ކުރުމާއި މީހުން ގިނައިން އެއްވާ ތަންތަނަށް ގޮސް އުޅުމުގައި 3 ފޫޓް ގެ ދުރުމިން އިޚްތިޔާރު ކުރުންފަދަ ކަންކަމަށް އަބަދުވެސް ރައްޔިތުން ސަމާލުވެ ތިބުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ. އަދި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވެގެން ނޫނީ މޫނާއި ލޮލާއި ނޭފަތާއި އަނގަމަތީގައި އަތްލައި ނެހެދުމަށް ސަމާލުކަން ދިނުމަށްވެސް އަންގާފައި ވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާއިރު ފޭސް މާސްކް ބޭނުން ކުރުމަށާއި ކޮންމެ އޮފީހަކުން ވެސް ޚިދުމަތަށް އެދިގެންނާއި އެނޫން ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހައިން އަތްދޮވެވޭނެ ނުވަތަ ސެނެޓައިޒް ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައި ބެހެއްޓުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

އެގޮތުން ކައުންސިލް އިދާރާއާއި އަވަށު އޮފީސްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް އޮފީހަށް އައުމުގެ ކުރިން މާސްކް އެޅުމަށާއި އަތް ރަނގަޅަށް ސެނިޓައިޒް ކޮށްގެން ޚިދުމަތް ހޯދަން ވަޑައިގަތުމަށް ސަމާލުކަން ދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.