English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ އިމިގްރޭޝަން އޮފީސް ހިންގަމުން އަންނަ އިމާރާތުގައި ހުރުމަތްތެރިކަން ކުޑަ ގޮތަކަށް ޚަތިމު ތަކެއް ބަހައްޓާފައި ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ ބަޔަކު ގަސްތުގައި އެގޮތަށް އެ ޚަތިމުތައް ބެހެއްޓުމަށްފަހު ނަގައިފައިވާ ފޮޓޯތަކެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ނިޖާޙު ވިދާޅުވެއްޖެއެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ނިޖާޙު ވިދާޅުވީ، އެއީ ޤުރްއާނުގެ ތަރުޖަމާތަކެއް ކަމަށާއި އެ ތަކެތި އެތާ ބެހެއްޓިފައި ހުރީ އެއް ގުދަނުން އަނެއް ގުދަނަށް ބަދަލުކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެތަނުން އެ ނެގިފައިވާ ކަމަށްވެސް ނިޖާޙު ވަނީ ވިދާޅުވެފައެވެ. އެތަކެތި ބަހައްޓާފައި ހުރި ތަނަކީ ފަސޭހައިން މީހުންނަށް ވަދެ ނިކުމެ ހެދޭ ތަނެއްކަމަށް ވެސް ނިޖާޙު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ނިޖާޙު ވިދާޅުވެފައިވަނީ މިފަދަ އަމަލުތައް ހިންގުމަކީ ވަރަށް ދަށު ދަރަޖައިގެ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަތިމް ތަކުގެ ފޮޓޯ

އެތަނުގައި ކައުންސިލުން އެއެއްޗެހި ބެހެއްޓި އިރު ނަގާފައިވާ ފޮޓޯ އެއް ނިޖާހް ވަނީ އޭއޯ ނިއުސް އާއި ހިއްސާ ކޮށްފައެވެ. އެގޮތުން އެ ފޮޓޯ އިން ފެންނަ ގޮތުގައި އެ ތަކެތި ފޮށިގަނޑުތަކަކަށް އަޅާފައި ބެހެއްޓިފައިވާއިރު ފޮށިގަނޑުތައް ބަހައްޓާފައިހުރީ ބިންމަތީ ފިލާގަނޑެއް އެޅުމަށްފަހު އޭގެ މަތީގައެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޤުރުއާނުގެ ތަރުޖަމާތައް ކައުންސިލުގެ ގުދަނުގައި ހުންނަތާ މިހާރު 10 ވަރަކަށް އަހަރު ވެފައިވާއިރު މި ތަކެތި ބޭނުން ނުކުރެވި ވަނީ ތަރުޖަމާގައި ކުށްތަކެއް ހުރުމުގެ ސަބަބުންނެވެ. އެގޮތުން އެކި ފަހަރު މަތިން މިފަދަ ކުށް ހުރި ތަރުޖަމާތައް ކައުންސިލުން ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ވަނީ ނައްތާލާފައެވެ.