English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާ ޗެނަލް13 އިން ގެނެސްދިން ކޮންޓެންޓު, ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލާ، ޗެނަލް13 އިން 3 ސެޕްޓެންބަރު 2020 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަ އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް އިންސާނެއްގެ ޖާނަށް ނުވަތަ މާލަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދިނުމާއި، އެފަދަ ކަމެއް ހިންގުމަށް ގޮވާ، ހިތްވަރުދިނުމަކީ އެ ޕާޓީން އެއްވެސް ޙާލެއްގައި ބަލައިގަންނަ ޢަމަލުތަކެއް ނޫން ކަމަށާއި، އެއީ އެއްވެސް ތަޙްޛީބު މުޖުތަމަޢެއްގެ ތެރޭގައި ޤާނޫނީގޮތުން ހުއްދަކުރާކަމެއްވެސް ން ކަމަށެވެ.

“މާތުރަ، މިޕާޓީ އުފެއްދުމުގެ މައިގަނޑު މަޤްސަދަކީވެސް އިންސާނީ ކަރާމާތާއި، ދިރިހުރުމުގެ ހުރުމަތާއި، ޙައްޤަށް އުނިކަން ލިބެނިވި އެބާވަތުގެ ޢަމަލުތަކާ ދެކޮޅަށް ވަކާލާތުކުރުމެވެ. އަދި ސިޔާސީ މަސައްކަތަކީ ގޮށްމުށުގެ ބާރާއި، ބިރުދެއްކުމުން ސަލާމަތްވެގެންވާ، ބުއްދިއާއި، ފިކުރުގެ މައްޗަށް ކުރެވޭ ޢިލްމީ ބަހުސާއި، ހިންގޭ ސުލްޙަވެރި ހަރަކާތުން ކުރެވޭ މަސައްކަތެއްކަމުގައި ކަނޑައެޅުން”، އެ ބަޔާނުގައި ވެއެވެ.

އަދި ތަފާތު ސިޔާސީ ފިކުރާއި، ޚިޔާލު ފައުޅުކުރުމާއި، މިނިވަން ނޫސްވެރިކަމަކީ އެމްޑީޕީ އިސްވެ އޮވެ ނުހަނު ޤުރުބާނީއާއި، ބުރަ މަސައްކަތުން ހޯދާފައިވާ ޙައްޤުތައްކަމަށްވާއިރު، އެޙައްޤުތައް ޙިމާޔަތްކުރުމުގައި އަބަދުވެސް އެ ޕާޓީ ދެމިއޮންނާނެކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ކަންމިހެން ހުރިއިރު، ނިމިދިޔަ 2018 ގެ އިންތިޚާބުގައި 60 އިންސައްތައާއި ގާތްކުރާ ޢަދަދެއްގެ ވޯޓު ކާމިޔާބުކުރައްވައިގެން، ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާ ކޮންޓެންޓު ބްރޯޑްކާސްޓުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މިޕާޓީއިން ގޮވާލަން”، އެ ބަޔާން ނިންމާލަމުން އެމްޑީޕީން ބުނެފައި ވެއެވެ.