English Edition
Dhivehi Edition

 

އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާންގެ ޓުވިޓާ ހެންޑްލް އިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫން ކަމަށާއި އެހެނަސް އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ޙަސަދައާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ އެފަދަ މީޑިއާތައް އަޑު ނޭއްސެވުމަށާއި ޤަބޫލު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ފައެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން މީހަކު ގޮވާލި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ޗެނަލް 13 އުވާލުމަށް ބަޔަކު އަޑުފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 1 ޖެހިއިރު “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޗެނަލް 13 އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގެތެރެއިންއެ ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނިވާހަކަ އެ ޗެނެލުންވަނީ ވަގުތުން ދުރައް ދައްކާފައެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުންވެސް މިމައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ފަހުން ޗެނެލް 13 އިން ވަނީ އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން މަޢާފަށް އެދިފައެވެ.