English Edition
Dhivehi Edition

މުޅި ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް ފެންނަނީ ދިވެހި ރުކެވެ. އެ ރުކުގައި އަޅާފައިވާ ކުރުނބާތަކާއި ކާއްޓެވެ. އެހެންނަމަވެސް މިހާރު އެއިން ރުކަކުން ކާއްޓެއް ކުރުނބަލެއް ބޭނުންކޮށްލުމުގެ ނަސީބެއް ނެތެވެ. އެއްވެސް ހަމައެއް ލަމައެއް ނެތި ބިދޭސީން ރުކުން އަޅައިގެން މާލެއަށް ގެންދާއިރު ރަށުގައި ދިރިއުޅޭ މީހުން މިތިބީ ހުނި ގާނާނެ ކާއްޓެއްވެސް ނުލިބިފައެވެ.

އެހެންނަމަވެސް މިހާރު އައްޑޫ ސިޓީގެ ރައްޔަތުންގެ މި ކަންބޮޑުވުމަށް މިއޮތީ ހައްލެއް ލިބިފައެވެ. ލޮކްޑައުން އާއި އެކު އެތައް ބައެއްގެ ވަޒީފާ އަށް އަސަރުކޮށްފައިވާ މި ދަނޑިވަޅު، އެބުރި އުފަން ފަސްގަނޑަށް އައި ސ.ހުޅުދޫ މުހައްމަދު އަޒްލީން(އަޒުކީ) މިވަނީ މި ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ހޯދަދީފައެވެ. އެއްވެސް މަސައްކަތެއް ނެތި އަތް އުރާލައިގެން ގޭގައި ހުންނަން ޖެހުމުން ކުރިމަތިވި މާޔޫސްކަމާއެކު އަޒުކީ ފެށި ވަރަށް މޮޅު މަސައްކަތެކެވެ. “ވަރަށް ގިނައިން އިވޭ ގޭގައި ކާނެ ކާއްޓެއް ނެތި، ހުނި ނުގޭނިގެން އަންހެނުން ކުރާ ޝަކުވާތަށް. އެހާ ހިސާބުން ހިތަށް އެރި ކާށި ހުނި ވިއްކުމަކީވެސް މިހެން ހުންނައިރު ކުރެވިދާނެ މަސައްކަތެކޭ” “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މަސައްކަތް ފެށުމުގެ ހިޔާލު އައި ގޮތް އަޒުކީ ކިޔައިދިނެވެ.

އެހާ ހިސާބުން އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް އަޒުކީ ފެށީ ވަރަށް ފޯރިއާއި އެކުގައެވެ. ގޭގައި ކުޑަ ތަންކޮޅެއް ހަދާ، ޕެކިންކުރުމަށް ބޭނުންވާ ސާމާން ގެނެސް އަޒުކީ އަމިއްލައަށް މަސައްކަތް ފެށީ އެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާއެކު އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. “އިޒު އިންވެސްޓްމެންޓް’ ގެ ނަމުގައި އަޒުކީ ފެށި މަސައްކަތުގެ ފުރަތަމަ ފިޔަވަޅުވެސް ކާމިޔާބުކަން ފާހަގަކުރަމުން އަޒުކީ ބުނީ ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބިފައިވާކަމަށެވެ. “ހުނި ގާނަން އުދަގޫވިޔަސް ވަގުތުން ގުޅާލީމަ ގެންގޮސް ދޭނެ. 100ގްރާމްގެ ޕެކެޓެއް 10 ރުފިޔާއަށް ވިއްކާއިރު ތަރުހީބު ލިބޭ މިންވަރުން ހޯލްސެލް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ އަގުތަކެއްގައި ވިއްކާނަން” އަޒުކީ ބުންޏެވެ.

މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަޒުކީ ބުނީ ކާށި ހުނީގެ އެކި ސައިޒުގެ ޕެކިންތައް ވަރަށް އަވަހަށް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކާށި ކިރު އުފެއްދުމަށް ބޭނުންވާ ސާމާންތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޒުކީ ބުންޏެވެ.

މިހާރުވެސް މީދޫ މުމެންޓް ޝޮޕް އިން މި ކާށި ހުނި ލިބެން ހުރި އިރު އަޒުކީ ބުނީ މިކަމުގައި އެ ފިހާރައިގެ އިސް ފަރާތާއި އާއިލާ އަދި ރަހްމަތްތެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.” މި މަސައްކަތް ފެށުމަށްޓަކައި ޕެކްކުރަން ބޭނުންވާ ސާމާނާއެކު އެހީތެރިކަން ފޯރުކޮށްދިނީ މުމެންޓް ޝޮޕް އަދި ހުޅުދޫ އައިލެންޑް އެކްސްޕްރެސް އިން.މީގެ އިތުރުން ހުޅުދޫ ކުރީގެ މެމްބަރު ޝާހިދުގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ. މި މަސައްކަތް ފެށުމަށްޓަކައި އެހީތެރިވެ އެއްބާރުލުންދެއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” އަޒުކީ ބުންޏެވެ.

“އޭއޯ” އިން އެދެނީ އަޒުކީގެ މި މަސައްކްތަ އިތުރަށް ފުޅާވެ ވިޔާފާރިއަށް އިތުރު ކާމިޔާބީއަށެވެ.

1 ކޮމެންޓް
ރަދީފް
ސެޕްޓެމްބަރު 2, 2020
ވަރަށް ރަނގަޅު މަސައްކަތެއް.ގުޑް ލަކް